ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފައިވާ ޢަބްދުﷲ ޖާބިރަށް ޓިކެޓް ހަވާލު ނުކުރުމަށާއި އެދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފިއެވެ.
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރަކު ވިދާޅުވީ ޖާބިރާއި މެދު ފިޔަވަޅު އެޅުމަށް ނިންމެވީ ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޖާބިރާއި މެދު ފިޔަވަޅު އެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރައީސް ޔާމީން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުންގެ ތެރެއިން 8 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވަނިކޮށް ވިޕާއި ހިލާފަށް ވޯޓުދެއްވުމާއި ގާނޫނުލްއުގޫބާތު ބިލް ފާސް ފާސްކުރުމަށް އެމްޑީޕީން ވިޕްލައިނެއް ނެރެފައިވަނިކޮށް އެބިލް ބޭރުކޮށްލުމަށް ވޯޓުދިނުމާއި ގުޅިގެން ކަމަށެވެ.
ޖާބިރާ ދެކޮޅަށް ފިޔަވަޅު އެޅީ ކޮމިޓީއަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްފަހު ޖަވާބުދާރީ ނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖާބިރާއި މެދު އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މީގެ އިތުރުން ޕާލަމެންޓްރީ ގުރޫޕުގެ ރުހުމާއެކު ޢަބްދުﷲ ޖާބިރަށް ޕާޓީގެ ފަރާތުން މިހާރު ޙަވާލުކޮށްފައިވާ އެންމެހާ ޒިންމާތަކާއި ޕާލަމެންޓްރީ ގުރޫޕުގައި ޖާބިރު މިހާރު އަދާކުރައްވަމުން ގެންދަވާ އިންތިހާބީ މަގާމުތަކުން ވަކިކުރުން ހިމެނެއެވެ.
ކާށިދޫ ދާއިރާގައި އަލުން ހުޅުވާލެވޭ ޕްރައިމަރީގެ ފުރުސަތުގައި ޢަބްދުﷲ ޖާބިރު ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި ނިންމުން މިހާރު ވަނީ އެމްޑީޕީގެ މައި ސެކްރެޓޭރިއަޓަށް ފޮނުވާފަ އެވެ.
ޖާބިރަށް ކަށަވަރުވި ޓިކެޓު ބާތިލްކޮށް ކާށިދޫ ދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ