ދާއިރާގެ ރައްޔިތުން އެދެނީ ރައީސްގެ ލަފަޔާއެކު ކުރިއަށްދިއުމަށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާއިމެދު އައްޑޫ މީދޫ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނާއި މަޝްވަރާކުރައްވާފައިވާކަމަށާ އެ މެންބަރުން އެދެނީ ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާއެކު ކުރިއަށްދިއުމަށްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާއިމެދު އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހުރި ނެތްގޮތް ބަލައިފިންތޯއާއި މީދޫ ދާއިރާގެ ގިނަ ރައްޔިތުން އެދެނީ މެންބަރު އަސްލަމް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގެނައުމަށްކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރިން ޝައުގުވެރިކަންވެސް ފާޅުކުރެއްވި ރޮޒައިނާ އާދަމްގެ ޓްވީޓްގައި ވިދާޅުވީ އެކަމަނާގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނާއި އެކަން ހިއްސާކޮށްފައިވާކަމަށެވެ. އަދި އެ މެންބަރުން އެދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ލަފަޔާއެކު ކުރިއަށްދިއުމަށްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އެ އިޝާރާތްކުރައްވަނީ މަޖިލީހުގެ ރައީސްކަމަށް އެންމެ ގާބިލް އެއް ބޭފުޅަކީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުކަމަށް ރައީސް ސޯލިހް ވިދާޅުވި ވިދާޅުވުމަށްކަމަށް ބެލެވެއެވެ.
ޓްވިޓާގައި އެމްޑީޕީގެ ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުން މެންބަރު ރޮޒައިނާއަށް ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެކަމަނާ މިފަހަރުވެސް މަޖިލީހަށް ހޮވިވަޑައިގަތީ ރައީސް ނަޝީދު ވިއްކަވައިގެންކަމަށާ އެހެންކަމުން ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް މަސައްކަތް ކުރައްވައިގެން ނުވާނެކަމަށް ބުނެ ބައެއް މީހުން ގެންދަނީ ވާހަކަދައްކަމުންނެވެ.
މީގެ އިތުރުން މަޖިލީސްތެރޭގައި މެންބަރު ނިހާން، ރޮޒައިނާގެ މޫނަށް އަނގާގައިހުރި ފެން ޖެއްސެވި ޖެއްސެވުމަށްވެސް ތާއީދުކޮށް ބައެއް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ މިހާރު ވާހަކަދައްކަމުންނެވެ.
އެފަދަ ބައެއް މީހުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވަނީ ތިޔައީ އަސްލަމްއަށް ވޯޓް ހޯދަން މަސައްކަތްކުރާގޮތްތޯ އެފަދަ މީހުންނާއި ސުވާލު ކުރައްވާފައެވެ. އަދި މޫނަށް ކުޅުޖެހުން އެއީ ކުރެވުނު މޮޅުކަމެއްކަމަށް ދެކޭނަމަ އަވަހަށް ކުޅު ޖަހަން އަންނަންވީނުތޯވެސް އެފަދަ މީހުންނަށް އަމާޒުކޮށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ރޮޒައިނާ ވިދާޅުވީ މޫނަށް ކުޅުޖެހުމަކުން އެކަމަނާގެ އަނގައިގައި ޓޭޕެއް ނޭޅޭނެކަމަށާ ފުރާނަ ހުރިހާ ހިނދަކު އަދި ވާހަކަ ދެއްކޭހާ ހިނދަކު ޚިޔާލުފާޅުކުރައްވާނެކަމަށެވެ. އަދި ރައްޔިތުން ހޯދި މިނިވަންކަމަކީ އެއީކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅެއްގެ މައްސަލާގައި އައު މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ މެދުގައިވަނީ ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑުވެފައެވެ.
ބައެއް މެންބަރުން ފާޅުގައި ވަކި ބޭފުޅަކަށް ތާއީދުކުރާކަން ހާމަކުރަމުންދާއިރު، އަނެއްބައި ބޭފުޅުން ތިއްބެވީ ޕާޓީގެ މަސްލަހަތު ގެއްލިދާނެކަމުގެ ބިރަށް އެ ބޭފުޅުންގެ ވިސްނުން ހާމަކުރަންޖެހިލުންވެފައެވެ.
ދާންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޔައުގޫބު ވަނީ އަފީފަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މެންބަރު އީވާއާއި، މެންބަރު އިމްތިޔާޒު ފަހުމީ އަދި އިންތިޚާބީ މެންބަރު މުހައްމަދު ރަޝީދު ވަނީ އަސްލަމަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ