ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީއިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި 3 ފަނޑިޔާރުންގެ ސްލޫކީ މައްސަލައެކެވެ. އެ ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.
ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އަދި ފަހުން ވަނީ އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން އެ ޢަމުރު ބާޠިލުކުރައްވާފައެވެ.
ޖޭއެސްސީއިން މިހާރުވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބަލަމުންދާއިރު، އެ މައްސަލަތަކުގައި ރޭ ވަނީ އަބްދުﷲ ދީދީ ޖޭއެސްސީއަށްވެސް ހާޒިރުވެސްކޮށްފައެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ޖޭއެސްސީގެ ހަ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާކަމަށް ޖޭޢެސްސީން ވިދާޅުވެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ