ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ބަޔަކު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ދައުލަތުން ބުނެފިއެވެ.
އޭޕްރިލް 2017 ގައި ޔާމީން ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އެގޮތުން ޝަފަވީ ސިއްރު ހެކިންގެ ގޮތުގައި އަށް މީހަކާއި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓާއި ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓާއި ސީން އޮފް ކްރައިމް ރިޕޯޓާއި ސައިބާ ކްރައިމް ރިޕޯޓުގެ އިތުރުން ތަހުގީގު ބަޔާންތަކެވެ.
އަދި އެ މައްސަލާގައި ކޯޓަށް ހާޒިރުކޮށް މިހާތަނަށް ހަތް ހެކިވެރިއަކާ ސުވާލުކޮށްފައިވާއިރު، އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކީ ވެސް ފުލުހުންގެ ދެ މީހުންގެ ހެކިބަސް ނެގުމަށް ބޭއްވުނު އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކިވެރިން ހާޒިރު ކުރުމުގައި ގިނަ ދަތިތައް އެބަހުރި ކަމަށާއި ހެކިވެރިން ރަށުން ބޭރުގައި ތިބުމުގެ އިތުރުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. ނަމަވެސް ނުފޫޒު ފޯރުވަނީ ކޮން ބަޔަކު ކަމެއް ދައުލަތުން ނުބުނެއެވެ.
ދައުލަތުން އެހެން ބުނުމުން، ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ކޯޓުން އެންގި ނަމަވެސް ކުރިއާލައި ހެކިންގެ މައުލޫމާތު ދައުލަތުން ދީފައި ނުވާކަން ވިދާޅުވެފައެވެ. އެހެންކަމުން އިންސާފުވެރި ޝަރީއަތެއްގެ ކުލަ ފަނޑުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނުމަކީ އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަމުގެ މައުލޫމާތު ކޯޓާ ހިއްސާ ކުރަން ޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ދިފާއީ ވަކީލުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން މައްސަލަ ބައްލަވައި ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހެކިން ހާޒިރު ކުރުމަކީ އުނދަގޫ ކަމެއްކަން ދިފާއީ ވަކީލުންނަށް ވެސް އެނގިލައްވާނެ ކަމަށެވެ. އަދި ޝަރީއަތުން މަސައްކަތް ކުރަމުން ދަނީ ގިނަ ހެކިން ހާޒިރުކޮށްގެން ދެ ފަރާތަށް ވެސް ވަގުތު ދީގެން އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދަން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލީ، އަންނަ އަންގަރާ ދުވަހު ބާއްވާ އެ މައްސަލައިގެ އަޑުއެހުމަށް މިއަދު ހާޒިރުކުރަން ބޭނުންވި ހެކިން ވެސް ހާޒިރުކުރުމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ ހަތްވަނަ ދުވަހު ވެސް ވަނީ ބާއްވައިފައެވެ. އެ ދުވަހުގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ސިއްރު ދެ ހެކިވެރިންގެ ބަޔާން ނެގިއިރު، ހެކިބަސްދިން ދެ މީހުން ވެސް ވަނީ ޔާމީން ރަޝީދު މަރާލި ރޭ އެވަގުތު އެގެއިން މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދު ނުކުތް މަންޒަރު ފެނުނު ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ