ރައީސް ޔާމީން ވެސް މިހާރު އެ އޮންނެވީ "ވާނުވާ" ޖަހައި ޖަލުގައި: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް މިހާރު އެ އޮންނެވީ "ވާނުވާ" ޖަހައި ޖަލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ގެންގޮސް ޖަލުގައި ހައްޔަރުކުރުމުން އުފާނުކުރާ ކަމަށާއި އިހަށްދުވަހު ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެވުނު މަންޒަރު ކަމަށެވެ.
"މިހާރު އަބްދުﷲ ޔާމީން ވެސް އެހުރީ ވާނުވާ ޖަހާފައި ޖަލުގައި. ރައީސުލްޖުމްހޫރިއްޔާކަން ކޮށް އިހަށްދުވަހު ނިންމެވި ބޭފުޅާ މިހާރު ވާނުވާ ޖަހާފައި ޖަލުގައި. ގާނޫނު އަސާސީގައި އޮންނަ ގޮތުން ވާނުވާ މި ޖަހަން ޖެހެނީ ހަތަރު ސަބަބެއް މެދުވެރިވެގެން. އެއީ ހެކި ފޮރުވުން ކަމަށް އޮވެދާނެ، އެހެން ގޮސް ތިން ހަތަރު ކަމެއްގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހެކި ފޮރުވައިގެންނޭ ކިޔައިގެން ވާހަކަދައްކާ އިރު ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވިތާ މިހާރު މަސްތަކެއް ވެއްޖެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރިވެވޭނެ ގޮތަކަށް ކަންތައްތައް ނުކުރުން ވަރަށް މުހިންމު ކަމަށެވެ.
"އެއީ އެއްވެސް މީހަކަށް އަނިޔާ ލިބުމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު މިދަންނަވަނީ އަބްދުﷲ ޔާމީނަށް އަނިޔާއެއް ދެއްވީއެކޭ ނޫން. އެއްގޮތަކަށް ވެސް އެހެން ނަހައްދަވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަމޭ،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެމަނިކުފާނު ހައްޔަރުކޮށް، މާފުށީ ޖަލަށް ވަނީ ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ