ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެކު ބައެއް ޕާޓީތައް ވަގުތުން އުވޭތީ ދައުލަތުން ސުޕްރީމް ކޯޓަށް
ސިޔާސީ ޕާޓީގެ ބިލް ގާނޫނަކަށް ވުމާ އެކު އިންތިގާލީ ނިޒާމެއް ނެތި ބައެއް ޕާޓީތައް ވަގުތުން އުވޭތީ އެ ފަދަ އިންތިގާލީ ނިޒާމެއް ހަމަޖެހެންދެން ޕާޓީތައް އުވިގެން ނުދާނެ ކަމަށް ކަނޑައަޅައިދިނުމުގެ އަމުރަކަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.ރައީސް ތަސްދީގު ނުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް، ތަސްދީގުކޮށް ގެޒްޓްކުރުން ލާޒިމުވާ ގޮތަށް ފޮނުވި ބިލްގެ މައްސަލަ ދައުލަތުގެ ފަރާތުން އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އަދި ކޯޓުން ބަލައިގަތް ކަމެއް ނާންގަ އެވެ.ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ މިފަދަ އަމުރަކަށް އެދިފައި ވަނީ 2004 ވަނަ އަހަރުން ފެށިގެން ގަވާއިދެއްގެ ދަށުން ހިންގަމުން އަންނަ ބައެއް ޕާޓީތައް ގާނޫނާ އެކު އުވޭއިރު ބައެއްގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށް ފެންނާތީ އެވެ. އެގޮތުން ދައުލަތުން އެދިފައި ވަނީ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ މައްސަލަޔާ މެދު ޝަރީއަތުން ގޮތެއް ކަނޑަނާޅަނީސް ނުވަތަ ޕާޓީތައް އުވާލުމުގެ އިންތިގާލީ ނިޒާމެއް ހަމަޖެހެންދެން، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ޕާޓީތައް ވަގުތުން އުވިގެން ނުދާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ."ޕާޓީތައް ހިންގަމުން މި އަންނަނީ ގާނޫނީ ވަކި ޝަހުސުތަކެއްގެ ގޮތުގައި. ކުދި ޕާޓީތަކުން ވެސް ހުންނާނެ އެހެން ފަރާތްތަކާ އެކު މަދަނީ އެއްބަސްވުންތައް ހަދާފައި. މުވައްޒަފުންނާ އެކު ހަދާފައިވާ ވަޒީފާގެ އެއްބަސްވުންތަކާއި މަދަނީ އެހެން އެއްބަސްވުންތައް ވެސް ހުންނާނެ. ޕާޓީތައް އުވޭއިރު މިފަދަ ކަންކަން ހަމަޖައްސަން އިންތިގާލީ އިންތިޒާމެއް މި ބިލަކު ނެތް،" އުޝާމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ޕާޓީތަކުގެ ނަމުގައި ހުރި މަދަނީ އެއްބަސްވުންތައް ކުއްލިއަކަށް އުވާލައިފި ނަމަ ޒިންމާވާނީ ކޮން ފަރާތަކުން ކަމެއް ބިލުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ސިޔާސި ޕާޓީތަކުގެ ބިލް ބުނާ ގޮތުން 10،000 މެންބަރުން ހަމަނުވާ ކޮންމެ ޕާޓީއެއް ބިލް ގެޒެޓް ކުރުމާ އެކު އުވިގެން ދާނެ އެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި މެންބަރުންގެ އަދަދުގެ މައްސަލައެއް ނެތެވެ. ދައުލަތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭއިރު އެ ޕާޓީތަކާ ބެހޭ ގޮތުން ކަންކުރާނެ ވަކި އުސޫލުތަކެއް ބިލުގައި ނެތުމުން ރިއާޔަތްކުރަން ޖެހެނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގާނޫނީ ބާރު ލިބިދީފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާ އަށް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަކަށް އަމަލުކުރަން ފަށައިފި ނަމަ އެ ގަވާއިދު ވެސް އުވިގެން ދާނެ ކަމަށެވެ. "ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އުފެދި ހިނގަމުން އަންނަ ސިޔާސީ ޕާޓިތައް އުވާލުމާބެހޭ ގޮތުން، އަމަލުކުރަމުންގެންދާ ގާނޫނީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ވުޖޫދުގައިވާ ސިޔާސީ ޕާޓީއެއް އުވާލުމުގެ ފުރުސަތު ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ފަހިކޮށްދެވިފައިވަނީ ވަރަށް ހާއްސަ ހާލަތެއްގައި" ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. އަދި ބިލް ތަސްދީގުކޮށްފި ނަމަ ޕާޓީތައް އުވިގެން ދަނީ ޕާޓީތަކުގެ އިހުމާލެއް ނެތި، ގާނޫނީ އޮނިގަނޑަށް ފެއްތުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް ވެސް ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އިންސާނީ ބާރެއް ނުފޯރާ ކަމެއް މެދުވެރި ނުވާ ނަމަ، މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް ރައީސަށް ފޮނުވާ ބިލެއް ވީ އެންމެ އަވަހަކަށް ތަސްދީގުކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ.ބިލް ގާނޫނަކަށް ވުމާ އެކު އުވޭ ޕާޓީތަކުގެ ތެރޭގައި ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ ހިމެނޭއިރު އައިޑީޕީ އާއި އެމްއެސްޑީޕީ އާއި އެސްއެލްޕީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އާއި ޕީއޭ އާއި އެމްއެލްޕީ އާއި ގައުމީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓު ވެސް މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އުވޭނެ އެވެ. ބިލްގައި ބުނާ އަދަދަށް މެންބަރުން ހަމަވަނީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ، ޕީޕީއެމް އެވެ. އަދި ދާދިފަހުން ރަޖިސްޓްރީ ކުރި އެމްޑީއޭއަށް ވެސް މެންބަރުން ހަމަވާ އަދަދަށް އިލެކްޝަންސް ކޮމިޝަނަށް ސޮއި ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ