ޖުވެނައިލް ކޯޓު ހިންގުން ގާޒީ އަހުމަދު ޝަކީލާ ހަވާލުކޮށްފި

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖުވެނައިލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ގޮތުން ކޯޓު ހިންގަން ހަވާލުކުރެވޭ ފަނޑިޔާރުން ކޮންމެ ހަ މަހަކުން ބަދަލުވާ ގޮތަށް ޖޭއެސްސީން ނިންމާފައިވާތީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އެ ކޯޓު ހިންގުން ގާޒީ ޝަކީލާ ހަވާލުކޮށްފައިވާކަން ޖޭއެސްސީން އަންގާފައިވާ ކަމަށެވެ. "އެގޮތަށް ކޯޓުން ހިންގަން ހަވާލު ކުރުމުގެ ސަބަބުން ލިބޭ ތަޖްރިބާއަކީ ކޯޓުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުންނަށް ވެސް ހަމަހަމަ އުސޫލަކުން ހަމަޖެހިގެންދާ ކަމެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއް ކަމުގައިވާތީ، ވަގުތީ ގޮތުން ކޯޓު ހިންގުން ހަވާލު ކުރެވޭ ބޭފުޅުން ހަ މަސް ދުވަހު ބަދަލު ކުރާ ގޮތަށް ޖޭއެސްސީން ނިންމާފައިވާތީ" ޖޭއެސްސީގެ ސިޓީއާ ހަވާލާދީ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެންމެ ދެ ގާޒީން ތިއްބަވާ ޖުވެނައިލް ކޯޓު ހިންގުން ގާޒީ ޝަކީލާ ހަވާލު ކުރުމުގެ ކުރިން އެ ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ މުހައްމަދު ނައީމެވެ.
މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ދާއިމީ އިސް ގާޒީއަކު ނެތީ ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގައި އެކަންޏެވެ. ޑްރަގް ކޯޓު ހިންގުން ހަ މަސް ދުވަހުގެ މުއްދަތަށް އެ ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި ވަނީ ހަވާލުކޮށްފަ އެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޝަންގައި ހުންނެވުމުން އެ ކޯޓު ހިންގުން މިހާރު ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ