ފެލިދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން، އެ ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓަކު ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ޓިކެޓްގައި ފެލިދޫ ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ތޯރިގް ޒުހައިރެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު މަރްޒޫގާއި ވާދަކުރައްވައި އޭނާ އަށް ނާކާމިޔާބު ވީ 26 ވޯޓުގެ ތަފާތަކުންނެވެ.
އެ މައްސަލަ މިއަދު ހައި ކޯޓަށް ހުށަހެޅުއްވި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެނގިފައިވެ އެވެ.
ފެލިދޫ ދާއިރާގެ މައްސަލައާ އެކު ޖުމްލަ ހަތް މައްސަލައެއް ހައި ކޯޓަށް މިހާތަނަށް ވަނީ ހުށަހަޅައިފަ އެވެ. ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ފުނަދޫ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނައިފަރު ދާއިރާ އަދި ނޮޅިވަރަމް ދާއިރާގެ މައްސަލަ ވެސް ކުރިން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހައި ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުދަދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އެއީ ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ