ގާނޫނު އަސާސީ އަށް ބަލާއިރު ނައިބު ރައީސަކީ އިންތިހާބުކުރާ މަގާމެއްގެ ގޮތުގައި ގަބޫލުނުކުރެވޭ ކަމަށް އެމްޑީޕީން ބުނި ނަމަވެސް ނައިބު ރައީސަކީ ވެސް ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ބޭފުޅެއް ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ބުނެފި އެވެ.
ވަކީލުންގެ ވާހަކަ އެގޮތަށް މިއައީ ނައިބު ރައީސަކީ އިންތިހާބީ މަގާމެއްގެ ގޮތުގައި ގަބޫލުނުކުރެއްވޭ ކަމަށް އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނިކޮށެވެ.
"ގާނޫނު އަސާސީގެ އެންމެ މާއްދާއެއްގައި ވަރަށް ކުޑަކޮށް މިއިންނަނީ ލިޔެވިފައި އިންތިހާބުކުރަން ވާނެ ކަމަށް. އެހެން ހުރިހާ މާއްދާތަކަށް ބަލާއިރު އަޅުގަނޑުމެންނަކަށް ނުބެލެވޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ އިންތިހާބީ މަގާމެއް ކަމަކަށް. ރައްޔިތުން އިންތިހާބު މިކުރަނީ ވެސް ރައީސް. ނައިބު ރައީސެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާ ބޭފުޅަކަށް ވެސް މި ލިބެނީ ރައީސާ އެއްވަރަކަށް ވޯޓް. ނަމަވެސް ރައްޔިތުން ވޯޓް މިދެނީ ރައީސް އިންތިހާބު ކުރުމަށް،" މާރިޔާ ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަ އަށް ގާނޫނީ ބައެއް ބޭފުޅުން ދެކޮޅެވެ.
ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކު ވެސް ރިއާސީ އިންތިހާބުގައި ބައިވެރިވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ އޭނާގެ ނައިބެއްގެ ގޮތުގައި ހަމަޖައްސާނެ މީހަކު ރައްޔިތުންނަށް ހުށަހެޅުމަށް ފަހު ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނައިބު ރައީސަކީ ވެސް ރައްޔިތުން އިންތިހާބުކުރާ މަގާމެއް. ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅާ އާއި އޭނާގެ ރަނިން މޭޓް އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވަނީ އެއް ޓިކެޓެއްގައި. އިންތިހާބުގައި ރައްޔިތުން ވޯޓު ދެނީ ވެސް ދެ ބޭފުޅުންނަށް،" އޭނާ ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަލީ ހުސެއިން ވެސް ވިދާޅުވީ ނައިބު ރައީސަކީ ރައްޔިތުން އިންތިހާބުކުރާ މަގާމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ނައިބު ރައީސަކީ އިންތިހާބުކުރާ މަގާމެއްގެ ބަދަލުގައި ރައީސް އައްޔަންކުރައްވާ މަގާމެއް ކަމަށް ގާނޫނު އަސާސީން މާނަކުރެވޭ ނަމަ ނައިބު ރައީސް ވަކިކުރުމުގެ އިހުތިޔާރު ރައީސަށް އޮންނަންވާނެ ކަމަށެވެ.
"އެކަން އޮންނަނީ އެހެނެއް ނޫން. ރައީސް ކަމަށް ކުރިމަތިލާ ކޮންމެ މީހަކު އެބަ ޖެހޭ އޭނާގެ ރަނިން މޭޓެއް ކަނޑައަޅަން. އިންތިހާބުގައި ރައްޔިތުން މިނިންމަނީ ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ކަމަށް ގެންނަން ބޭނުންވަނީ ކޮން ބޭފުޅެއްތޯ. އޭނާގެ ނައިބެއްގެ ގޮތުގައި ހުށަހަޅާ ބޭފުޅާ އަށް ތާއީދުކުރަންތޯ. ނައިބު ރައީސަކީ އިންތިހާބުކުރާ މަގާމެއް ނޫނޭ ބުނުމުގެ އެއްވެސް ޖާގައެއް ނެތް،" އަލީ ވިދާޅުވި އެވެ.
ނަޝީދުގެ ރަނިން މޭޓަކަށް އިއްޔެ ހަމަޖެއްސެވި ޑރ. މުސްތަފާ ލުތުފީ މީޑިއާގައި ވިދާޅުވެފައިވަނީ ރައީސްކަމުގެ މަގާމުގައި ނަޝީދު ނުހުންނަވާ ފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ އަމިއްލަ އަށް އިސްތިއުފާ ދެއްވައި އަވަސް އިންތިހާބަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
މުސްތަފާގެ އެ ވާހަކައާ ގުޅިގެން ސުއޫދު ވިދާޅުވީ އެއީ ގާނޫނީ ވާހަކައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެކަމަކު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އެމަގާމާ ހަވާލުވާނީ ނައިބު ރައީސް ކަމަށް ގާނޫނު އަސާސީގައި އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ރައީސްގެ މަގާމު ފުރުއްވުމަކީ އެއިރަކު ހުންނަ ނައިބު ރައީސެއްގެ އަމިއްލަ ނިންމެވުމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އެއީ ސިޔާސީ ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ނައިބު ރައީސް ބޭނުންފުޅުވާ ގޮތަކަށް އަމަލުކުރެއްވި ދާނެ. އިސްތިއުފާ ދެއްވަން ބޭނުންފުޅިއްޔާ އެކަން ކުރައްވަންވީ. އެޔަކުން ގާނޫނީ ނަތީޖާއެއް ނޯންނާނެ. ދެން އޮންނާނީ ރައްޔިތުން މުސްތަފާ އެވިދާޅުވި އެއްޗެއް ގަބޫލުކުރުމާއި ނުކުރުން،" ސުއޫދު ވިދާޅުވި އެވެ.
އަލީ ހުސެއިން ވެސް ވިދާޅުވީ މުސްތަފާގެ އެ ވާހަކަ އަކީ ސިޔާސީ ވާހަކައެއް ކަމަށާއި އެކަމުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށެވެ.
އަލީ ދެކެވަޑައިގަންނަވާ ގޮތުގައި މުސްތޮފާ އެހެން ވިދާޅުވީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުންނެވެ.
އެކަމަކު ސަރުކާރު ބަދަލުނުވި ނަމަވެސް ބައެއް ހާލަތްތަކުގައި ރައީސްގެ މަގާމު ހުސްވުމަކީ ވެދާނެ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.
"ރައީސަށް ކަމެއް ދިމާވެއްޖެ ނަމަ ރައީސްގެ ޒިންމާތަކާ ނައިބު ރައީސް ހަވާލުވާން ވާނެ ކަމަށް އޮތަސް އެކަމުން ބަރީއަވާން ބޭނުންފުޅިއްޔާ އެކަން ކުރެވޭނެ. އޭގައި ގާނޫނީ މައްސަލައެއް ނެތް. އެއީ ބޭނުން ވެއްޖިއްޔާ ކުރެވޭނެ ކަމެއް،" އަލީ ވިދާޅުވި އެވެ.
ނައިބު ރައީސަކީ ރައްޔިތުން އިންތިހާބުކުރާ މަގާމެއް: ގާނޫނީ ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ