ކްރެޑިޓް ލިމިޓް ކުޑަކުރި މައްސަލަ މެރީޑިއަމާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންން މެރީޑިއަމް ކުންފުންޏަށް އެސްޓީއޯ އިން ތެޔޮ ދޫކުރަން އެއްބަސްވި ކްރެޑިޓް ލިމިޓް އެސްޓީއޯ އިން ކުޑަކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، މެރީޑިއަމާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.މެރީޑިއަމް އަށް ތެޔޮ ދޫކުރަން އޮންނަ ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާގައި އޮއްވައި އެ ލިމިޓް 10 މިލިއަން ރުފިޔާ އަށް އޮގަސްޓް، 2010 ގައި އެސްޓީއޯއިން ވަނީ ކުޑަކޮށްފަ އެވެ. އަދި އެ ފައިސާ ދައްކަންޖެހޭ މުއްދަތު ވެސް 30 ދުވަހަށް އޭރު ވަނީ ކުޑަކޮށްފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިކަން ކޮށްފައި ވަނީ އޭރު ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކަށް ރިޔާޒް ތާއީދުކުރެއްވުމުން ކަމަށް އޭނާ ވިދާޅުވެ އެވެ.އެ މައްސަލާގައި އެސްޓީއޯއާ އެއްކޮޅަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައި ވަނިކޮށް އެ ދެ ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މެރީޑިއަމާ އެއްކޮޅަށް މައްސަލަ ނިންމީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފްކުރަން އެ ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މެރީޑިއަމްގެ ހުއްދަ ނެތި އެއްބަސްވުމަށް ބަދަލު ގެނެވޭނީ އެސްޓީއޯގެ ވިޔަފާރިއަށް ނުވަތަ ކުންފުނީގެ ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އޮތުމުގެ މާނައަކީ އެ ކުންފުނިން ކުރަމުންދިޔަ ވިޔަފާރި އެއްކޮށް ބަދަލުކޮށް، އެހެން ވިޔަފާރިއަކާ ދިމާލަށް މިސްރާބު ޖަހާ ހާލަތްތަކާއި ތެލުގެ ވިޔަފާރި ހުއްޓާލާ ހާލަތްތައް އެކަނި ކަމަށެވެ. އެކަމަކު ތެލުގެ ވިޔަފާރިއަކީ މިހާރު ވެސް އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށްވާތީ މެރީޑިއަމާ މަޝްވަރާ ކުރުމެއް ނެތި އެސްޓީއޯއިން އެ ބަދަލު އެއްބަަސްވުމަށް ގެނައީ ރަނގަޅަށް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެއްބަސްވުމަށް ބަދަލު ގެނައީ މެރީޑިއަމްގެ ރުހުން ނެތި އެއްބަސްވުމަށް ބަދަލު ގެނެވޭ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އެއްބަސްވުމަށް ބަދަލު ގެންނަންޖެހޭނީ މެރީޑިއަމްގެ ރުހުމުގައި ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެ އެވެ. އެ ހުކުމުގައި އެސްޓީއޯއަށް އަންގާފައި ވަނީ އެއްބަސްވުމަށް ބަދަލު ގެނައުމުގެ ކުރިން ވެސް އެއްބަސްވުން އޮތް ގޮތަށް އެ އެގްރިމެންޓް ދެމެހެއްޓުމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ