ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް އިއްވި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ނަޝީދުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަން ދެކޮޅު ހެދުމުން، ދައުލަތުން ހައި ކޯޓުގައި ކުރި އިސްތިއުނާފު ބަލައިނުގަތް މައްސަލަ އެވެ. ނަޝީދަށް ހުކުމް ކުރީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށާއި ދިފާއުގައި މަސައްކަތްކުރަން ވަގުތު ނުދޭ ކަމަށް ނަޝީދުގެ ފަރާތުން ޝަރީއަތުގައި ދަނީ ބުނަމުންނެވެ. މި ވާހަކަތަކަށް ދައުލަތުން އިންކާރު ކުރެ އެވެ.މިއަދުގެ އަޑުއެހުންތައް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފަ އެވެ. އެއީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވިޔަސް ނަޝީދާ މެދު ޓެރަރިޒަމްގެ ތަހުގީގެއް ކޮށްފައި ނުވާކަން ސާބިތުކުރުމަށެވެ.އިއްޔެގެ އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފަ އެވެ. އެއީ ޓެރަރިޒަމްގެ ދައުވާކުރީ ސިޔާސި ނުފޫޒުންކަން ސާބިތުކޮށްދޭން ބޭނުންވާތީ އެވެ. ނަމަވެސް ފަނޑިޔާރުން މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައިގެ ގޮތުން މީހުން ހާޒިރުކޮށްގެން ސުވާލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަކު ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ. ނަޝީދު މިހާރު ހުންނެވީ ބޭސްފަރުވާ އަށް
އިނގިރޭސި ވިލާތުގަ އެވެ. އެކަމަށް ނަޝީދަށް ސަރުކާރުން ދިން މުއްދަތު
ހަމަވިޔަސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި
ހާމައެއް ނުކުރައްވަ އެވެ. ޝަރީއަތް ކުރިއަށް ގެންދަނީ ނަޝީދުގެ ޣައިރު ހާޒިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ