މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު
ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި
މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަކަރު ހަދާފައިވާ ކަމަށް
ތުހުމަތުކޮށް ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެ ޖޭޕީން ކޯޓަށް ހުށަހެޅި
މައްސަލަ ފުރަތަމަ ޝެޑިއުލްކޮށްފައި ވަނީ މާދަމާ 2:00 އަށެވެ.
ނަމަވެސް ފަހުން ވަނީ 2:30 އަށް ގަޑި ބަދަލުކޮށްފަ އެވެ.
މައްސަލައިގެ ހުކުމް މި އަންނަނީ ގާތްގަނޑަކަށް 21 ދުވަސް ފަހުންނެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން ގެންދަނީ މާލޭގައި ކޮންމެ ރެއަކުހެން
މުޒާހަރާކުރަމުންނެވެ.
ޕީޕީއެމާއި ދައުލަތް އަދި ކުރިން އެމްޑީޕީން ވެސް ތަދައްހުލްވެގެން
ކުރިއަށް ގެންދިޔަ މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި
ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އޮތީ ހުލާސާ ބަޔާން
އިއްވުމެވެ. އާންމު ގޮތެއްގައި ހުލާސާ ބަޔާނަށް ފަހު އޮންނަނީ ހުކުމް
އިއްވުމެވެ. ނަމަވެސް އެ ދުވަހު އަޑުއެހުން ނިންމާލައްވަމުން އުއްތަމަ
ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ އިތުރު ޝަރީއަތެއް
ބާއްވާ ނަމަ ފަހުން އެކަން އަންގަވާނެ ކަމަށެވެ. އަޑުއެހުންތައް އެއްކޮށް
ނިންމާލީކަމެއް ނުވަތަ ނޫންކަމެއް އުއްތަމަ ފަނޑިޔާރު އޭރު ވިދާޅެއް ނުވެ
އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50
ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައި ނުވުމުން 21 ދުވަހުގެ ތެރޭގައި ދެ
ވަނަ ބުރެއް ބާއްވަން ގާނޫނު އަސާސީގައި ބުނެފައިވާތީ މި މަހުގެ 28 ވަނަ
ދުވަހު ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް،
އެކަން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ
އަމުރަށް ފަހު ވެސް ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން މަސައްކަތް
ކުރުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު
ބާއްވަން އުޅޭ ނަމަ އެކަން ހުއްޓުވަން ސަލާމަތީ ބާރުތަކުގެ މައްޗަށް ވެސް
އަމުރެއް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ މައްސަލައާ ގުޅިގެން ރާއްޖޭގައި ސިޔާސީ ވަރަށް
ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. އަދި އިންތިޚާބަށް ވާނެ ގޮތް
ނޭނގޭތީ މުޅި ގައުމު ވަނީ ސުވާލެއްގެ ތެރޭގަ އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގެ އިތުރުން ޕީޕީއެމްގެ ފަރާތުން
ވަނީ އިންތިހާބު ފަސްކުރުމަށް އެދި ސުޕްރީމް ކޯޓަށް އިތުރު އެހެން
މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ވެސް ޚުސާލާ ބަޔާންތައް
އިއްވައި މިހާރު ވަނީ ހުކުމަކާ ހަމައިގަ އެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ހުކުމް މާދަމާ އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ