މިދިއަ ހޯމަދުވަހު ސިންގަޕޫރު ހައި ކޯޓުން ކުރި ހުކުމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކުރިން ފޮނުވި ސިޓީގައި ބުނާ ކަންކަން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ކުރިއަށް ނުގެންދިއުމަށް އެމްއޭސީއެލްގެ މައްޗަށް އެ ކޯޓުން ނެރުނު އަމުރު ސައްހަވުން ކަމަށް ޖީއެމްއާރުން މިއަދު ބުނެފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ޖީއެމްއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމްއޭސީއެލް އިން ސިންގަޕޫރު ހައި ކޯޓަށް އޮކްޓޯބަރު މަހު މައްސަލަ ހުށަހެޅީ ޖުލައި ،23 2012 ގައި އެ ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް އެދި އެވެ. ޖީއެމްއާރުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދުވަހު ސިންގަޕޫރު ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޖީއެމްއާރުގެ ބަޔާނުގައިވާ ގޮތުން، ސިޓީގައި ބުނާ އެއްވެސް ކަމެއް ހުއްޓުވުމުގެ އެއްވެސް ކަމެއް އެމްއޭސީއެލް އިން ރާއްޖޭގެ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށެވެ.
ޖެނުއަރީ ،5 2012 ވަނަ ދުވަހު އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަބަންދޭ) ޖީއެމްއާރަށް ފޮނުއްވި ސިޓީގައި ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ޗާޖަށް ވާ ފައިސާ ޖީއެމްއާރުން އެމްއޭސީއެލް އަށް ދައްކަން ޖެހޭ ފައިސާ އިން ކެނޑުމަށެވެ.
މި ސިޓީ އެމްއޭސީއެލް އިން ޖީއެމްއާރަށް ފޮނުވީ އެއީ ޖީއެމްއާރަށް ނެގޭނެ ދެ ޗާޖް ނޫން ކަމަށް ސިވިލް ކޯޓުން ނިންމުމުންނެވެ.
ސިންގަޕޫރު ހައި ކޯޓުގެ ހުކުމާ ބެހޭ ގޮތުން ޖީއެމްއާރުން ބުނީ އެ ހުކުމުން ވަނީ އެ ކޯޓުން ޖުލައި 23 ގައި ނެރުނު އަމުރު "ސައްހައްކަން ކަށަވަރުކޮށްދެއްވާފަ"އި ކަމަށެވެ.
ޖީއެމްއާރާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމާ މެދު އުފެދޭ ޚިޔާލު ތަފާތުވުންތަކަށް ގޮތެއް ނިންމާނީ ސިންގަޕޫރު އާބިޓްރޭޝަނުންނެވެ. އެކަމަކު ކުރީގެ ޗެއާމަންގެ ސިޓީގެ މައްސަލަ އެމްއޭސީއެލް އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
ސިންގަޕޫރު ހައި ކޯޓުގެ ހުކުމާ ބެހޭ ގޮތުން މިދިއަ ހޯމަދުވަހު ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސިޓީގެ ސައްހަކަމާ މެދު ގޮތެއް ނިންމަން ރާއްޖޭގެ ކޯޓަކަށް ދެވިދާނެ ކަމަށެވެ. އެކަމަކު މިހާރު ދީފައިވާ ސިޓީ އަށް އަމަލްނުކުރުމުގެ ހައްގު އެމްއޭސީއެލް އަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނުން ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބިޓްރޭޝަންގެ މައްސަލަ އޮންނާނީ އަންނަ އަހަރު އެވެ.
ސިންގަޕޫރު ހައި ކޯޓުން ނިންމީ ޖީއެމްއާރަށް ނެރެދިން އަމުރު ސައްހަ ކަމަށް: ޖީއެމްއާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ