ހުއްދަ ދީފައިވާ ޖަމާއަތެއްތޯ ބެލުމަށް ފަހު ހައްޖު ފައިސާ ދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި

ހައްޖަށް ދިއުމަށްޓަކައި ފައިސާ ދައްކާއިރު އެއީ އިސްލާމިކް އެފެއާޒް މިނިސްޓްރީން ހުއްދަ ދީފައިވާ ޖަމާއަތެއްތޯ ނުބެލުމުގެ ސަބަބުން ބައެއް މީހުންނަށް ހައްޖަށް ދެވޭ ގޮތް ވެފައި ނުވާ ކަމަށާއި އެއީ ހުއްދަ ދީފައިވާ ޖަމާއަތެއްތޯ ބެލުމަށް ފަހުގައި ނޫނީ އަންނަ އަހަރު އެއްވެސް ފައިސާއެއް ނުދެއްކުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ މި ގޮތަށް އިލްތިމާސް ކުރިއިރު މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައި ނެތް ޖަމާއަތެއް ކަމަށްވާ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އަށް ފައިސާ ދެއްކި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދުމުގެ ސަބަބުން އެ މީހުންނަށް ވަނީ ހައްޖަށް ދެވޭ ގޮތް ނުވެފަ އެވެ. އަދި މަލީޝާ ޖަމާއަތުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފު، ،42 ހޯދުމަށް ފުލުހުން ވަނީ މިއަދު އިއުލާންކޮށްފަ އެވެ. އޭނާ ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު މަލީޝާ އަށް ފައިސާ ދެއްކި މީހުން ބުނަނީ އޭނާ އަށް ގުޅޭ ގޮތް ނުވާ ކަމަށާއި މަލީޝާ އޮފީހުން ވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކު ވެސް ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭ ޖަމާއަތްތައް އާންމުކޮށް އިއުލާންކުރާ ކަމަށެވެ. އަދި މީޑިއާ މެދުވެރިކޮށް ވެސް އެ ޖަމާއަތްތަކުގެ މައުލޫމާތު ހާމަކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ވީމާ 1434 ވަނަ އަހަރު ހައްޖަށް ވަޑައިގަތުމަށް ފައިސާ ދައްކަވާ ހުރިހާ ފަރާތްތަކުން ވެސް ފައިސާ ދެއްކެވުމުގެ ކުރިން، ފައިސާ ދައްކަވާ ޖަމާއަތަކީ މި މިނިސްޓްރީން ހުއްދަ ދީފައިވާ ޖަމާއަތެއްތޯ ރަނގަޅަށް ސާފުކުރެއްވުމަށް ފަހު ނޫނީ އެއްވެސް ޖަމާއަތަކަށް ފައިސާ ނުދެއްކެވުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ މި މިނިސްޓްރީން ދީފައި ނުވާ އެއްވެސް ޖަމާއަތަކުން މީހުން ހައްޖަށް ގެންދިއުމުގެ ނަމުގައި އެއްވެސް ފައިސާއެއް ނެގުމަކީ މަނާކަމެއް ކަމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުން މިއަދު ވަނީ ފުރަން ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މަނާސިކް ގްރޫޕްގެ 56 މީހަކު ފުރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ