ގާސިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ބަލައެއް ނުގަތް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން ބަލައި ނުގަތް ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ. ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގާސިމް ހައްޔަރު ކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި، އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބުނެ، ކުރިމިނަލް ކޯޓުގެ ކައުންޓަރުން އެ މައްސަލައިގެ ލިޔުންތައް ބަލައިގަތުމަށް އުޒުރުވެރިވެފައިވާ ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް ކުރިމިނަލް ކޯޓުގައި އެދިފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ނޫން ކަމަށާއި، އެ އަމުރު ކޯޓުން ނެރެފައި ވަނީ ފުލުހުންގެ އެދުމަށް ކަމަށެވެ. އެހެން ކަމުން ގާސިމް ހައްޔަރުކޮށްފައި ވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނާ މެމްބަރުން ބަންދުރުމާއި ދޫކޮށްލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރު ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕީޖީއަށް ހުށަހެޅުމުން ޕީޖީއަށް ފެނިއްޖެ ނަމަ އޭނާ އެވެ. ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި، އިސްތިއުނާފަށް ހުށަހެޅި އެ މައްސަލަ ކުރިމިނަލް ކޯޓުން ބަލައިގަތުމަށް އިންކާރު ކުރި ކުރުމަކީ ގާސިމަށް އިންސާފު ހޯއްދެވުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ އަދި އެކަމާ ގާސިމް ކަންބޮޑުވެ ވަޑައިގަންނަވާ މައްސަލައެއް ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި، ގާސިމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، އެކަމުގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅުއްވައިދެއްވުމަށް ގާސިމްގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ގާސިމް ބަންދުގެ މުއްދަތު ހަ ދުވަހަށް އިތުރުކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ މިއަދު ހުށަހަޅާފައިވާނެ ކަމަށާއި، އެ މައްސަލައިގެ ލިޔުންތައް ބަލައިގެންފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ