ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތަށް އެއް އަހަރު ފުރޭއިރު ރާއްޖެ އަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން އަލަށް އުފެއްދި ގޮފިތައް ރަސްމީކޮށް ޕާޓީ އޮފީހާ ހަވާލުކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ އެއް އަހަރު ތެރޭ ރައްޔިތުންގެ އުފާ ފާގަތިކަމަށް އިތުރު ދިރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ މެނިފެސްޓޯގައިވާ ގިނަ ކަންކަން ހާސިލްވާ މަންޒަރު ރައްޔިތުންނަށް ފެނިގެން ހިނގައްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެން އެންމެން ވަރަށް ފަހުރުވެރިވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި، އެކި ރަށްތަކުން އުފައްދާފައިވާ 62 ގޮފީގެ މެމްބަރުންގެ ފޯމުތައް ވަނީ ހަވާލުކޮށްފަ އެވެ. އެ ގޮފިތަކުގެ މެމްބަރުންގެ އަދަދު 1،500 އަށް ވުރެ މަތި ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގައި އަލަށް އުފެއްދި ގޮފިތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ: އެ ޕާޓީން އަލަށް އުފެއްދި 62 ގޮފި ވަނީ ހަވާލުކޮށްފައި. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމަށް ތިން އަހަރު ފުރުނުއިރު އެ ޕާޓީ އަކީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް މަގްބޫލް ޕާޓީއަކަށް ވަނީ ވެފަ އެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ޕާޓީން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މައުމޫން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް އަހަރު ފުރޭތީ އެކަމުގެ ތަހުނިޔާ އަދާކުރައްވައިފަ އެވެ. އަދި ޕީޕީއެމަށް މެމްބަރުން އިތުރުކުރަން އާއްމު މެމްބަރުން ކުރާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
ޕީޕީއެމް އުފެއްދި މަގްސަދު ހަނދާން ނައްތާނުލައި މަސައްކަތް ކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ އެއް އަހަރުގެ ރިޔާސަތުގައި ރާއްޖެ އަށް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ