ނަޝީދާއި ގާސިމް ބައްދަލު ކުރައްވައިފި

މި މަހުގެ 28 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ފުރަތަމަ ބުރުން ހަނި ގޮތަކުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްް ގާސިމް އިބްރާހީމާ މިރޭ ބައްދަލުކުރައްވައިފި އެވެ. ގާސިމްގެ ގެކޮޅު މާފަންނުވިލާގައި ގަޑިއެއްހާއިރަށް ބޭއްވެވި މި ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ބޭރަށް ނުކުމެވަޑައިގަތުމުން "ހަވީރު"ން ދެންނެވި ސުވާލުތަކުގެ ޖަވާބުގައި ގާސިމް ވިދާޅުވީ ދެ ބޭފުޅުން ދެއްކެވީ ގައުމުގެ އަމާންކަމާއި މަސްލަހަތުގެ ވާހަކަތައް ކަމަށެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދަށް ތާއީދުކުރެއްވުމުގެ ވާހަކަތަކެއް ދެއްކެވިންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ "އަދި އެފަދަ ވާހަކަތަކާ ހަމައަށް ނުދާ" ކަމަށެވެ. "އަޅުގަނޑުމެންގެ ރުޅިވެރިކަމެއް އެެއްވެސް މީހެއްގެ މައްޗަކަށް ނެތް،" އޭނާ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ގާސިމަަކީ ވަރަށް ކުރިއްސުރެން ފެށިގެން އެމަނިކުފާނުގެ "އާއިލީީ ރަހުމަތްތެރިއެއް" ކަމަށެވެ. "އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން ވަރަށް ރަނގަޅު އިރުޝާދު އަޅުގަނޑަށް ދެއްވާ. އަދި އަޅުގަނޑުގެ ވެސް ވަރަށް ގިނަ ކަންތައްތަކުގައި ގާސިމާ ވާހަކަ ދައްކައި ހަދަން. އަޅުގަނޑު ދެކޭ ގޮތުގައި މި ދަނޑިވަޅަކީ ރާއްޖޭގެ ކަންތައްތައް ވަރަށް ނުކިއްސަރު ގޮތަކަށް އުޅޭ ދަނޑިވަޅެއް. އެހެންވެ ގާސިމާ ވާހަކަ ދައްކާލަން އައީ،" ނަޝީދު ވިދާޅުވި އެވެ. ދެވަނަ ބުރުގައި ގާސިމްގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ގާސިމް ގޮތެއް ނިންމަވާނެހެން ހީފުޅުވާ ކަމަށެވެ. "މިހާތަނަށް އަޅުގަނޑު އެހާ ދެރަވާ ގޮތަކަށް ގާސިމް ކަމެއް ނިންމަވާފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވުމާ އެކު ގާސިމް ވިދާޅުވީ "މިކަން ނިމޭ ގޮތަކުން އަޅުގަނޑާއި ނަޝީދު ވެސް ދެވަނަ ބުރުގައި ވާދަކުރަން ޖެހިދާނެ" ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.ނަޝީދުގެ ފަހަތްޕުޅަށް ގާސިމް ވަޑައިގެންފާނެ ކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތްތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅަށް ދުވަހަކު ވެސް ގާސިމް އަރާވަޑަައިގަންނަވަން ނުޖެހޭނެ ކަމަށާއި އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.ފުރަތަމަ ބުރަށް ފަހު ނަޝީދު ގެންދަވަނީ އެކި ބައްދަލުވުންތަކުގައި ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުންނެވެ.މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލެމަންޓަރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ