ރިލްވާން މައްސަލައިގެ ހަގީގަތް ހޯދާނެ ކަމުގެ ޔަގީންކަން ދިނިން: އުމަރު

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއާ ބައްދަލުކޮށް މައްސަލައިގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފި އެވެ.
މިނިސްޓަރު މިއަދު ވަނީ ރިލްވާންގެ މަންމައާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރު އުމަރު ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިލްވާންގެ އާއިލާއާއި މިއަދު ބައްދަލުކުރީ ވަކި ހާއްސަ ބައްދަލުވުމެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ރިލްވާންގެ އާއިލާއާއި ބައްދަލުވި ހަވަނަ ފަހަރު ކަމަށް ބެލެވޭ ކަމަށެވެ.
ރިލްވާންގެ އާއިލާއާއި ބައްދަލުކޮށް ރިލްވާން ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދޭނެ ކަމަށް ވިދާޅުވީ މިމައްސަލާގައި އިތުރު ހެކި ތަކެއް ލިބިގެންތޯ ވިދާޅުވުމުން މިނިސްޓަރު ވިދާޅުވީ މިވަގުތު އައިސްފައި މިވާ ސިޔާސީ ބަދަލުތަކުގެ ތެރެއިން ރިލްވާންގެ މައްސަލާގައި ކުރިއެރުންތަކެއް ލިބިދާނެ ކަމަށް އާއިލާއިން އުއްމީދު ކުރާ ކަމަށެވެ. އެހެންކަމުން އާއިލާއިން އެގޮތަށް އުއްމީދު ކުރާތީ މިމައްސަލާގައި ފުރޮޅާނުލާނެ އެއްވެސް ގާކޮޅެއް ނުބާއްވާނެ ކަމުގެ އުއްމީދު އާއިލާ އަށް ދީފައިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ތެރެއިންނެވެ. އޭގެ ފަހުން ރިލްވާނަށް ވީގޮތެއް އެނގިފައެއް ނުވެ އެވެ.
ރިލްވާންގެ މައްސަލާގައި އޭނާގެ އާއިލާ އިން ވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް މައްސަލަ ހުށަހަޅާ މިމައްސަލަ ބަލައި ދިނުމަށް އެދިފަ އެވެ. ނަމަވެސް އާއިލާ އިން ބުނާ ގޮތުގައި މިމައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ.
ފުލުހުން ވަނީ ރިލްވާން ހޯދުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ގިނަ އަދަދެއްގެ ގެ ބަލައި ފާސްކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ފަޅުތެރެވެސް ބަލައި ހަދާފައިވެ އެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލެއިން ގިނަ އަދަދެއްގެ ވެހިކަލް ބަލައި ފާސްކުރުމާއި ގިނަ އަަދަދެއްގެ ވީޑިއޯ ފްޓޭޖް ވެސް ފުލުހުން ވަނީ ބަލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ