ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ދެ އަަހަރު އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވޭ: އުމަރު

ނިމިގެންދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ ވަބާ މިގައުމުން ފޮހެލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރުވުމާއި ގުޅިގެން މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ނިމިގެން ދިޔަ ދެ އަަހަރު ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ނަމަވެސް ކުރިއަށް އޮތް ތިން އަހަރަކީ ކޮޕަރްޝަނާ ދެކޮޅަށް ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ކުރާނެ އަހަރުތަކަކަށް ވާނެ ކަމަށެވެ.
"ކުރިއަށް އޮތް ތިން އަހަރު ސަރުކާރުން އެންމެ ވަރުގަދައަށް މަސައްކަތްކުރާނީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށް،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ސަރުކާރުގެ ތެރެއަށް މިފަހުން އައި ލޮޅުމުގެ އަސްލަކީވެސް ކޮޕަރްޝަނާއި ދެކޮޅަށް މިސަރުކާރުން ތެދުވުމުން ކުރިމަތިވުމުން ލޮޅުންތަކެއް ކަމަށެވެ. ނަމަވެސް ސަރުކާރަށް ކޮންމެ ލޮޅުމެއް އައިނަމަވެސް ކޮޕަރްޝަނާއި ފަސާދައާއި ދެކޮޅަށް ތެދުވާނެ ކަމަށާ ރައީސް ޔާމިނާއި އެމަނިކުފާނު ކެނބިނެޓް ސާބިތުކަމާއެކު މިއަދު ތެދުވެތިބީ މިގައުމުން ކޮރަޕްޝަން ފުހުލުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ދެ އަަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން ތަރައްގީގެ މަގުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާއިރު، ގައުމުގެ މިނިވަންކަމާއި އިސްތިގްގާލް ދެމެހެއްޓުމަށް ވަރަށް ގިނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަަމުގައި ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކަންކަން އިސްލާހުކުރުމަށް ގޮވާލާ ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކުން ސަރުކާރަށް ފާޑު ކިޔަމުންދާތީ އެމައްސަލާގައި ވެސް އުމަރު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖެ ހިނގާނީ ބޭރު ގައުމުތަކުން ބުނާހާ ގޮތަށް ނޫން ކަމަށާ ރާއްޖެއަށް ކިތަންމެ ޕްރެޝަރެއް ކުރިނަމަވެސް ރާއްޖެ ހިނގާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނިމިގެންދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ ދީނީ ވަހުދަތު ހަރުދަނާކުރުމަށް ތައުރީފް ހައްގު މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެގޮތުން ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ހުއްޓުވާ ދީނީ ޝިއާރުފާޅުކުރުން އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދީ އިސްލާމީ ޝަރީއަތް އޭގެ ފުރިހަމަ ގޮތުގައި ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ދެހާސް ތޭރަވަނަ އަހަރު ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ދެވަނަ އިންތިހާބު ކާމިޔާބުކޮށް ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 17 ނޮވެމްބަރު 2013 ގައެވެ. އެހެންކަމުން އިއްޔެ އަކީ ރައީސް ޔާމިންގެ ސަރުކާރަށް ދެ އަހަރު ފުރުނު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ