ހަނދު ސާބިތުކުރުމުގެ މައްސަލަ ނިމެންދެން ޖޫން ފަހެއްގައި ހަވީރު 5:00 އިން ފެށިގެން އޮފީސްތައް ހުންނާނީ ހުޅުވިފައި: ޑީޖޭއޭ

މިއަހަރުގެ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކުރިއަށް އޮތް ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލް އިދާރާތަކާއި، އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުނެފި އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމާ ގުޅޭގޮތުން ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭނީ އެ ވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށްވެސް ޑީޖޭއޭ އިން ބުނެ އެވެ.
ޑީޖޭއޭ އިން ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިއްމު މައުލޫމާތު ދޭންވާނެ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ އެ ޑިޕާޓްމަންޓަށް ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާ ބެހޭ މައުލޫމާތު ދިނުން އެދޭ ކަމަށެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ހަރަދު ހަމަޖައްސައިދޭނެ ކަމަށްވެސް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ