ހުކުރު، ހޮނިހިރުގަ ތިނަދޫގެ ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް ހޯދޭނެ: ފެނަކަ

ގދ ތިނަދޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި އާންމުގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަަމަށް ފެނަކަ ކޯޕޮރޭޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކަ ގެ ސީއީއޯ ނިމާލް ިދާޅުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބޭންކަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށާއި މާދަމާ ހެނދުނު ސްކޫލުތަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ،
"ވަގުތީ ކަރަންޓް ދޭނެ ކަމަށް މިދަންނަވަނީ ރަށުގެ ތަންތަންކޮޅަށް ކަރަންޓުދޭ ވާހަކައެއް ނޫން. ކަރަންޓް ކަނޑަމުން ދޭ ވާހަކައެއްވެސް ނޫން. ހަމަ ހުރިހައި ގެތަކަށް މިހާރެކޭ އެއްގޮތަށް ކަރަންޓްދޭ ވާހަކަ މިދަންނަވަނީ."
ނިމާލް ވިދާޅުވީ ވަގުތީ ކަރަންޓްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފަށަނީ އިންޖީނުގޭ ގޯތި ތެރޭގައި ވަގުތީ ޓެންޓެއް ހަދައި އެ ޓެންޓުގައި ޖަނަރޭޓަރުތައް ބަހައްޓައިގެން ކަމަށެވެ.
ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގެއަށް ލިބުނު ގެއްލުންތަކަށް ދާއިމީ ހައްލެއް ލިބެނީ އަލުން އިމަރާތެއް އަޅައިގެން ކަމަށާއި އިމަރާތް އެޅުމަށާއި ދެން ކުރަންޖެހޭ ހުރިހައި ކަންކަން ފުރިހަަމކުރުމަށް 2 މަހެއްހައި ދުވަސް ނަގާނެ ކަަމަށެވެ. "ކޮންޓްރޯލް ޕެނަލާއި އިންޖީން ރޫމް ވެސް އެވަނީ އެކުގައި އަނދައިގެންގޮސްފަ. މިކަންކަމަށް ބޭނުންވާ ތަކެތި ގެންނަން ޖެހޭނީ ބޭރަށް އޯޑަރުކޮށްގެން."
ވަގުތީ ކަރަންޓް ދިނުމަށް މާލެއިން ގެންދާ 2 ޖެނެރޭޓަރު މާދަމާރޭ ފަތިހު ފުރުވައިލެވޭނެ ކަމަށާއި 2 ޖެނެރޭޓަރު ހުންނަންޖެހޭ ހިސާބަށް ގެންދެވޭތާ 9 ގަޑިއިރު ތެރޭގައި ކަރަންޓް ދެވޭ ވަރަށް ކަންތައްތައް ތައްޔާރުކުރެވިފައިވާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެސް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ހައްދުންމަތީ ގާދޫގައި ހުރި ޖެނެރޭޓަރު މިއަދު ހެނދުނު ގެންދެވި ބޭނުންކުރަން ފަށުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
"ކަރަންޓް ނެތުމުން ރަށުގެ ރައްޔިތުން އުފުލަމުން ގެންދާ ވޭނާއި ކެކުޅުންތައް ވަަރަށް ރަނގަޅަށް ތާއަބަދުމެ އިިޙްޞާޞްކުރެވޭ. އެެހެންވެ ވީހައި އަވަހަކަށް މައްސަލަ ޙައްލުކުރަން މަސައްކަތް ކުރަމުން މިގެންދަނީ. ލަސްވަނީ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން."
ނިމާލް ވަނީ ތިނަދޫ އިންޖީނުގުގެ އަނދައިގެން ގޮސް ރަށުން އެކުގައި ކަރަންޓު ކެނޑުމުންވެސް ރަށުގެ ރައްޔިތުން ދެމުން ގެންދާ އެއްބާރުލުމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ