ކުރީގެ ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެކަން ރާއްޖޭގައި ކުރުވުން ކަމަށާއި އިތުރު އެއްވެސް އިޚުތިޔާރެއް އެމަނިކުފާނަށް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވެން ނެތްކަން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވެން ހުރި ކަމެއް ކަމަށާއި ރާއްޖެއިން އެކަން ކުރެވިދާނެ ކަމަށް އެމަނިކުފާނު ބެއްލެވި ދެ ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖެއިން އެކަން ކުރެވެން ހުއްޓާ ރާއްޖެއިން ބޭރަށް ނުފޮނުވޭނެ ކަމަށާއި އެމަނިކުފާނަށް އޮތް ހަމައެކަނި އިޚުތިޔާރަކީ ރާއްޖޭގައި އެކަން ކުރުވުން ކަމަށެވެ.
"ފުރަތަމަ ޑޮކްޓަރު ލަފާ ދެއްވުމުން އިތުރު ޑޮކްޓަރެއްގެ ލަފާވެސް އަޅުގަނޑުމެން ހޯދިން. ދެ ޑޮކްޓަރުން ވެސް ވިދާޅުވަނީ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭނެ ކަމަށް. އެހެންވީމަ އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް ނުފޮނުވޭނެކަން މިހާރު ވާނީ އަންގާފައި" އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އޮޕަރޭޝަނާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލު ހަސަން ލަތީފު ވީނިއުސްއަށް ވިދާޅުވީ ރާއްޖެއިން ބޭރަށް ނުފޮނުވޭނެކަން ރަސްމީކޮށް އަންގާފައި ނެތް ކަމަށާއި ނަމަވެސް ނޫސްތަކުން އެފަދަ ވާހަކަތަކެއް ފެނިފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ ބޭސްފަރުވާގެ ކަންކަމުގައި ބަލަންޖެހެނީ ޑޮކްޓަރުން ވިދާޅުވާ އެއްޗަކަށް ކަމަށާއި އެއީ ވަކި ރައީސް ނަޝީދަށް ވުމުން ވަކި ގޮތެއް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޑޮކްޓަރު ވަކި ގޮތަކަށް ކަންކަން ކުރަން ލަފާ ދެއްވުމުން އެކަން ކުރުމަށް އަދި އިތުރަށް ސިޓީ ފޮނުވާ ހަދަން ނުޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޮޕަރޭޝަން ކުރާނެ ތަނަކާއި ޑޮކްޓަރަކު ކަނޑައަޅުއްވާނީ ރައީސް ނަޝީދު ކަމަށް ވެސް ޑޮކްޓަރު ދެއްވާފައިވާ ލިޔުމުގައި ވާ ކަމަށެވެ.
"ޑޮކްޓަރުގެ ލިޔުމުގައި އޮންނަނީ ރައީސް ނަޝީދޭ ނިންމަވާނީ އޮޕަރޭޝަން ކުރުވާނެ ތަނެއް އަދި އެކަން ކުރުވާނެ ޑޮކްޓަރަކު ވެސް. އެކަމަކު އެމަނިކުފާނު އެކަމަށް ގޮތެއް ނިންމެވީކީ ނޫން. ޑޮކްޓަރުގެ ލިޔުން އޮތް ގޮތުން އެމަނިކުފާނަށް އެ އިޚުތިޔާރު ލިބިދޭ" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އޮޕަރޭޝަނުގެ ކަންކަން ހަމަނުޖެހި އޮތްއިރު އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅުންހުރި އެހެން ކަންކަންވެސް ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށެވެ.
ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރާނެ ތަނަކާއި އޮޕަރޭޝަން ކުރާނެ ޑޮކްޓަރު ކަނޑައެޅުމުގެ އިޚުތިޔާރު ޑޮކްޓަރުގެ ލިޔުމުން ނަޝީދަށް ލިބިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އެކަން ދޮގުކުރައްވައެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާގެ ކަންތަކުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ ހުކުމް ތަންފީޒު ކުރާ ކުށްވެރިއަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވޭނީ ގައިދީންގެ ބޭސްފަރުވާއާ ގުޅޭ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ގަވާއިދުގައި ވަނީ ބޭރަށް ފޮނުވޭނީ ރާއްޖެއިން އެ ފަރުވާއެއް ދެވެން ނެތް ހާލަތުގައި އެކަނި ކަމަށެވެ. ނަަމަވެސް ރައީސް ނަޝީދުގެ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ދެ ގޮތަކަށް ކުރެވެން އެބަހުރި ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ހުޝާމް ވިދާޅުވިއެވެ. އެހެންކަމުން ގަވާދުގައިވާ ގޮތުން އެ ހުއްދަ ދެވެން ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައިވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށެވެ. މައިބަދައަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އެމަނިކުފާނު އުޅުއްވަނީ ވަރަށް ބޮޑު ވޭނެއްގައި ކަމަށް ވަކީލުން ވިދާޅުވެއެވެ.
ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރި މައްސަލައިގައެވެ. މާފުށީ ޖަލަށް ގެންދިޔަ ފަހުން އެކި ފަހަރުމަތިން އެމަނިކުފާނު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ.
ނަޝީދަށް އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގައި އޮޕަރޭޝަން ކުރުވުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ