އިސްދޫ ދާއިރާގެ ޕީއޭ މެމްބަރު ގާރީ އަހުމަދު ރަޝީދު އިބްރާހީމް އެ ޕާޓީން ވަކިވެ ވަޑައިގެންފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވީ ނަމަވެސް ޕީއޭގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ޕީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
"ރޭ ނަސަންދުރާގައި އަޅުގަނޑުމެން ބޭއްވިން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް. އެ ބައްދަލުވުމަށް ވެސް އަހުމަދު ރަޝީދު ވަޑައިގެންނެވި،" ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ވިދާޅުވި އެވެ. "އަހުމަދު ރަޝީދު ޕީއޭ އިން ކެނޑުނު ކަމުގެ ސިޓީއެއް އަޅުގަނޑުމެންނަކަށް މިހާތަނަށް ލިބިފައެއް ނެތް. އެހެންވީމަ އެއީ އަދިވެސް ޕީއޭގެ މެމްބަރެއް."
އަހުމަދު ރަޝީދު ޕީއޭ އިން ވަކިވެ ވަޑައިގެންފައިވާ ކަމަށް ފުރަތަމަ ވިދާޅުވެފައި ވަނީ މިދިޔަ އާދީއްތަދުވަހު އެމްއެންބީސީ ވަން ގަ އެވެ. އޭގެ ފަހުން އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އޭގެ އެއްވެސް ތަފުސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު ވަނީ އަހުމަދު ރަޝީދު "ބްލެކްމެއިލް" ކުރައްވާފައި ކަމަށެވެ.
ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އޮން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ މަގާމުގައި ވެސް ހުންނެވި ސަރަނގު އާދަމް މަނިކު ވަނީ އަހުމަދު ރަޝީދަށް އެއް މިލިއަން ރުފިޔާ ދެއްވާފައި އޭގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ނަންގަވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ [އަހުމަދު ރަޝީދު އިބްރާހީމް] ދުވަސް ދުއްވާލަން މަސައްކަތް ކުރީ. އޭނާ ބްލެކްމެއިލްކުރީ. އޭނާ ބްލެކްމެއިލްކުރުމަށް ފަހުގައި އޭނާގެ ލިޔެކިޔުންތައް ނުދިނީ. ނުދިނީމަ އޭނާ އަށް މަޖުބޫރުކުރީ ކައިރިއަށް ގޮސް ބަޔަކު ފޮނުވައިގެން ލާރި ނުދީފިއްޔާ މީހާގެ ދުވަސް ދުއްވާލާނަމޭ. މިކަހަލަ އިބާރާތުން ވާހަކަ ދައްކައިގެން ގޮސް އެ އިއްޒަތްތެރި މެމްބަރު އަތުން އެއް މިލިއަންގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ހަމަ ކާލީ އިނގޭތޯ؟،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އަހުމަދު ރަޝީދު އަތުން ސަރަނގު އާދަމް މަނިކު "ގައިމު ވެސް އެ ފައިސާ އަތުލި" އެވެ.
ސަލީމްގެ މި ތުހުމަތާ ގުޅިގެން އަހުމަދު ރަޝީދު ވެސް އަދި ސަރަނގު އާދަމް މަނިކުގެ ބަހެއް ވެސް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަހުމަދު ރަޝީދު ޕީއޭ އިން ވަކިވެ ވަޑައިގެންނެވި ހަބަރު ކުއްލި ގޮތަކަށް ފެތުރުނުއިރު އޭގެ ފަހަތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އޭގެ ހަގީގަތެއް މިހާތަނަށް ވަނީ ނޭނގިފަ އެވެ.
މެމްބަރު އަހުމަދު ރަޝީދު ޕީއޭ އިން ވަތްކެއް ނުވޭ: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ