ރުހުން ނުލިބޭ ބަންޑާރަ ނައިބަކު ހުއްޓާ ދައުލަތަށް ރައްދުވާ މައްސަލަތައް ނުބަލަން ގާޒީ ނައީމް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބަންޑާރަ ނާއިބަކު ހުންނަވައިގެން ކޯޓަށް ހުށަހަޅާ، ދައުލަތަށް ރައްދުވާ މައްސަލަތައް ނުބެލުމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް މިއަދު ނިންމަވައިފި އެވެ.
ގައުމީ ޕާޓީގެ މެމްބަރު އިމާދު ސޯލިހް ފިނޭންސް މިނިސްޓްރީ އަށް ނިސްބަތްވާ ގޮތަށް ދައުލަތުގެ މައްޗަށްކުރި ދައުވާއެއްގެ އަޑުއެހުމުގައި ދައުވާ އިއްވުމަށް ފުރުސަތު ދެއްވުމުގެ ބަދަލުގައި ގާޒީ ނައީމް ވިދާޅުވީ މިހާރު ހުންނެވި ބަންޑާރަ ނާއިބަކީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބި ހުންނެވި ބޭފުޅެއް ކަމަށާއި އެ ގޮތަށް ހުންނަވާ ބަންޑާރަ ނާއިބަކަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވުމުން އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ މެދުގައި ވޯޓެއް ނެގުމުން ހަތަރު ވޯޓު ލިބިގެން އަޣުލަބިއްޔަތު ލިބުނީ މިހާރު ހުންނެވި ބަންޑާރަ ނާއިބު ބަލައިގަންނަން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އަޣުލަބިއްޔަތަށް ތަބާވާން ހައި ކޯޓުން ވެސް އެންގެވި ކަމަށާއި އެކަމަކު ޑިފެކްޓޯ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ މައްސަލާގައި ހައި ކޯޓަށް ގޮތެއް ނިންމެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާޒީ ނައީމް ވިދާޅުވި އެވެ. އެހެންވެ މިހާރު ހުންނެވި ބަންޑާރަ ނާއިބަށް ރުހުން ނުލިބި ހުންނަވައިގެން ހުށަހަޅާ މައްސަލަތައް ގާޒީ ނައީމްގެ ސެކްޝަނުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ.
ގާޒީ ނައީމްގެ ސެކްޝަނުގައި މިއަދު ޝެޑިއުލްކޮށްފައި ހުރި ދައުލަތަށް ނިސްބަތްވާ އެހެން މައްސަލަތައް ވެސް ކުރިއަށްނުގެންދާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ