ޖީޑީޕީގައި މަސްވެރިކަން 1.3 ޕަސެންޓަށް ވެއްޓިއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ހީނަރުވެ ގައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަން ހިއްސާކުރާ މިންވަރު އެންމެ ފުލަށް ވެއްޓި، އެ އަދަދު 1.3 ޕަސެންޓަށް ވެއްޓިއްޖެ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ޖީޑީޕީގައި އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ޓޫރިޒަމް އިންޑަސްޓްރީ 32 ޕަސެންޓް ހިއްސާ ކުރާ އިރު، މަސްވެރިކަން އުޅެނީ 1.3 ޕަސެންޓެވެ. އަދި އެ އަދަދު މި އަހަރު 1.1 ޕަސެންޓަށް ވެއްޓޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލު ކުރާ ޖަމްއިއްޔާ، މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އުފެއްދުންތެރިކަމުގައި ދެ ވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ނަގާފައި ރާއްޖޭގެ ޖީޑީޕީގެ ދެ ވަނަ އަށް އެންމެ ބޮޑު ހިއްސާއެއް އިގްތިސޯދަށް ކުރާނީ ކޮންސްޓްރަކްޝަން ސިނާއަތުން ކަމަށް ވުން. ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަކީ މި އަހަރުގެ ދެ ވަނަ އިންޑަސްޓްރީ އަށް މި ވަނީ އަރާފައި،" ޖަނާ ވިދާޅުވި އެވެ.
މިހާތަނަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖީޑީޕީގައި ކޮންސްޓަރަކްޝަން ސެކްޓާ ހިއްސާ ކުރަނީ އަށް ޕަސެންޓެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެ އަދަދު ވަނީ އެއް މިނެއްގައި ހިފެހެއްޓިފަ އެވެ. މި އަހަރުގެ މިހާތަނަށް 11374 ޑޮލަރުގެ މަސް ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 33 ޕަސެންޓްގެ ދަށްވުމެއް ކަމަށް ޕްލޭނިންގެ ހިސާބުތަކުން ދައްކަ އެވެ.
މަސްވެރިކަމުގެ ދާއިރާ ބޮޑުތަނުން ހީނަރުވަމުންދާ މައްސަލައިގައި ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދި މިހާރު އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ސުނާމީ އާ ގުޅިގެން ރާއްޖޭގެ މަސްވެރިކަން އޭރު ވަރަށް ބޮޑަށް ރަނގަޅުވި ކަމަށާއި އެ ގޮތަށް މިހާރު ވެސް މަސައްކަތްކޮށްގެން މަސްވެރިކަން ރަނގަޅުކުރެވިދާނެ ކަމަށެވެ. އަދި އެކަމަށް މަސްވެރިންނަށް ސަބްސިޑީދީ އެމީހުން އިތުރަށް މަހަށް ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުނާމީގައި މަސްވެރިކަން ރަނގަޅުވި، ކީއްވެ މިހާރު ނުވާންވީ. ޓޫރިޒަމް މަތިވާ ވަރަކަށް މަސްވެރިކަން ދަށަށްދާ މަންޒަރު ފެންނަންޏާ އެއީ މައްސަލައެއް. ސަބްސިޑީދީ އެމީހުން މަހަށް ފުރުވަން އެބަޖެހޭ. އެކަމުގައި އެހީތެރިކަން އެމީހުންނަށް ބޭނުން އެބަވޭ. ހާއްސަކޮށް ތެލާއި މިހެން ހުރި ކަންކަމަށް ސަބްސިޑީ ދޭން އެބަޖެހޭ،" ބަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އެއް ސިނާއަތަކަށް އިގްތިސޯދު، ބަރޯސާވުމަކީ ވަރަށް ބޮޑު ނުރައްކަލެއް" ކަމަށެވެ.
މި އަހަރުގެ ބަޖެޓްގެ ބަޔާނުގައި ލަފާކޮށްފައިވާ ގޮތުން މިދިޔަ އަހަރު ވެސް މަސްވެރިކަން ހަތް ޕަސެންޓަށް ދައްވެފައިވެ އެވެ. އަދި 2010 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާގެ ރިއަލް ޖީޑީޕީ އަށް 251 މިލިޔަން ރުފިޔާ ޖެހިފައިވާ އިރު މިދިޔަ އަހަރު މަސްވެރިކަމުން ލިބިފައިވާ ކަމަށް ލަފާކޮށްފައި ވަނީ 231 މިލިއަނެއްހާ ރުފިޔާ އެވެ.
ރާއްޖެ އަށް މަސްބާނާ އަދަދު 2006 ވަނަ އަހަރުން ފެށިގެން ދަށްވަމުން ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ