މޯލްޑިވް ގޭސްގެ ކުރިއެރުން ގުޅިފައިވަނީ ކުންފުނީގެ މުވައްޒަފުންނާ - މައުމޫނު

މޯލްޑިވް ގޭސްގެ ކުރިއެރުން ގުޅިފައިވަނީ އެކުންފުނީގެ މުވައްޒަފުންނާ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭސް އަށް 17 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އެކުންފުނީގެ އެމްޑީ މައުމޫން ވިދާޅުވީ ކުންފުނީގެ އެންމެ މަޤްބޫލު އެސެޓަކީ ކުންފުނީގެ މުވައްޒަފުންކަމަށެވެ. މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަކަން ފާހަގަ ކުރައްވާ އެމްޑީ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނަށް ހައްޤުވާ ބޯނަސް ދީފައިވާނެ ކަމަށާއި، މުވައްޒަފުންގެ ކުރިއެރުމަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއާއި ބޭރު ޤައުމުތަކުން ތައުލީމުގެ ގިނަ ފުރުސަތުތައް އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފައިވާނެކަމަށް މައުމޫން ވިދާޅުވިއެވެ.
"މިހާރުވެސް މޯލްޑިވް ގޭސްގެ ދަރިވަރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތައިުލީމު ހާސިލްކުރަމުން އެބަދޭ. އެއީ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރުމަށް ލިބޭ އިތުރު ހިތްވަރެއް" މައުމޫން ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ މޯލްޑިވް ގޭސް އަކީ ޑިސްޓްރިބިއުޓް ކުރުމުގައި ސައުތު އޭޝިއާ ސަރަހައްދުގައި ގުނާލެވޭ ކުންފުންޏެއް ކަމަށެެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު އެއް ކުންފުންޏަކީ މޯލްޑިވް ގޭސް ކަމަށާއި، ރާއްޖޭގެ ގިނަ ގެތަކުގައި މޯލްޑިވް ގޭސް ބޭނުންކުރާ ކަމަށް ޝަހީރު ވިދާޅުވިއެވެ. ވަރަށް އާދައިގެ ގޮތަކަށް އުފެދުނު މޯލްޑިވް ގޭސް އުފެދި، މިވީ މަދު އަހަރުތަކުގެ ތެރޭގައި އެ ކުންފުނިން ދެމުން އައި ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާ ކުރެވި، ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަން ޝަހީރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ތިން ސަރަހައްދެއްގައި ކުންފުނީގެ ޑިސްޓްރިބިއުޝަން އައުޓްލެޓްތައް ހުޅުވުމާއި ގޭހުގެ ލުއިފުޅި ތައާރަފް ކުރުމާއި މެޑިކަލް އޮކްސިޖަންގެ މާކެޓަށް ވަނުމުގެ އިތުރުން އާ ޕްރޮޑަކްޓްތައް މާކެޓަށް ނެރެފައިވާކަން ޝަހީރު ފާހަގަ ކުރެއްވިއެވެ.
"މޯލްޑިވްގޭސް ޑިސްޓްރިބިއުޓް ކުރުމުގައި ކުރީގައި ވަރަށް އުނދަގުލުން ފޯނުކޮށްގެން، އެތައް ލައިނަކަށް ގޮސްގެން ގޭސް ލިބެނީ. އެހެން ނަމަވެސް މިހާރު ހޮޓްލައިންއެއް ޤާއިމްކުރެވި، ކަސްޓަމަރުންނަށް ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެވިފަ" އޭނާ ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ މޯލްޑިވް ގޭސްގެ ޚިދުމަތް ފުޅާކޮށް ޑިސްޓްރިބިއުޝަން ރަނގަޅު ކުރުމަށްޓަކައި ތިނަދޫ އިން ބިން ލިބިފައިވާކަމަށާއި، އެބިމުގައި މޯލްޑިވްގޭސްގެ ޑިސްޓްރިބިއުޝަން ސްޓޯރޭޖް ހެދުމަށް ޕްލޭންކުރެވި ނަގަން ޖެހޭ ހުއްދަތައް ނަގާފައިވާކަމަށެވެ. އަދި އެމަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ޝަހީރު ވިދާޅުވިއެވެ.
ރޭ ބޭއްވި މޯލްދިވް ގޭސްގެ 17 ވަނަ އަހަރީ ހަފްލާގައި އެ ކުންފުނީގެ މުވައްޒަފުންން، ކުންފުނީގެ 17 ވަނަ އަހަރީ ދުވަހަށް ޚާއްސަ އެވޯޑްތަކާއި ހަނދާނީ ލިޔުން ދީފައިވެއެވެ. އެގޮތުން މޯލްޑިވްގޭސް ވުޖޫދަށް ގެނައުމަށް އިސްރޯލެއް އަދާކުރެއްވި އަބްދުﷲ ސަލީމް އަބްދުލް ޝާތިރާއި، އެސްޓީއޯގެ މެނޭޖިންގ ދިރެކްޓަރ އަހުމަދު ޝަހީރަށް ވަނީ ޚާއްސަ ޓްރިބިއުޓް އެވޯޑެއް އަރުވައިފައެވެ. އެ ދެބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނެވެ.
ރޭގެ ރަސްމިއްޔާރުގައި އަހަރީ ދުވަހަށް ޙާއްސަ ކޭކެއް ފެޅުންވެސް އޮތެވެ. ކޭކް ފަޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ ޝަހީރާއި މޯލްދިވް ގޭސްގެ އެމްޑީ މައުމޫނެވެ.
1999 ވަނަ އަހަރު ވުޖޫދަށް އައި މޯލްދިވް ގޭސްގައި 202 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު 68 އިންސައްތަ އަކީ ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ