އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 30 ސްކޫލް ބައިވެރިވެއްޖެ

އަންނަ މަހު މާލޭގައި ބާއްވާ 19 ވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ސްކޫލް ބައިވެރިވެއްޖެ އެވެ.
އެ މުބާރާތުގައި މާލޭގެ 14 ސްކޫލަކުން ބައިވެރިވި އެވެ. އެއީ ޣާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް، ކަލާފާން ސްކޫލް، ޖަމާލުއްދީން ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، މަޖީދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ.
އެ ސްކޫލްތަކުގެ އިތުރުން އެ މުބާރާތުގައި ދެން ވާދަކުރާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލާއި ކުޅުދުއްފުށި އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި،  ގދ، ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލް، ތިނަދޫ ސްކޫލް، ގދ. އަތޮޅު ތައުލީމީ މަރުކަރު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލް، ފުވައްމުލަކު މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ފުވައްމުލަކު ސްކޫލް، ދ. އަތޮޅު މަދަރުސާ، ފުވައްމުލަކު ޒިކުރާ އިންސްޓިޓިއުޓް، އައްޑޫގެ ހިތަދޫ ސްކޫލް، އައްޑޫ ހައި ސްކޫލް އަދި އައްޑޫގެ ފޭދޫ ސްކޫލެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ހަތަރު ދުވަހުގެ މުއްދުތަށް ކުރިޔަށް ދާ މި މުބާރާތުގައި ފަސް ޢުމުރު ފުރާއެއްގައި ދެޖިންސުން ޖުމްލަ 104 އިވެންޓް ކުރިޔަށްދާނެ ކަމަށެވެ. އަދި އެ ޢުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރު ފުރާތައް ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ