ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ ގޮނޑީގެ ބައި އިލެކްޝަން، އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ބާއްވާނީ އެޕްރީލް 14، 2012 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
ހުސްވެފައިވާ ތިމަރަފުށީ ގޮނޑިއަށް ވާދަކުރައްވަން އެދޭ މީހުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އަންނަ މާޗް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އެ މުއްދަތުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށާއި ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު 9:00 ފެށިގެން ހަވީރު 3:00 އާ ހަމަޔަށް ފޯމް ދޫކޮށް، ބަލައިގަންނާނެ ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ.
ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ލިޔުންތަކާއި ތަކެތި ހުށަހަޅުއްވާ އިރު، 5000ރ. ޑިޕޮޒިޓްގެ ގޮތުގައި އިލެކްޝަންސް އަށް ދައްކަން ޖެހޭނެ ކަމަށާއި އަމިއްލަ ގޮތުން ބައި އިލެކްޝަންގައި ވާދަކުރައްވާ ނަމަ 50 މީހުން ސޮއި ހުށަހަޅަންވާނެ ކަމަށް އިއުލާންގައިވެ އެވެ. އަދި އެ 50 މީހުންނަކީ ތިމަރަފުށީ ދާއިރާއަށް ނިސްބަތްވާ 18 އަހަރުން މަތީގެ މީހުންނަށް ވާން ޖެހޭނެ ކަމަށް ވެސް އިލެކްޝަންގެ އިއުލާންގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީއެއްގެ ފަރާތުން ތިމަރަފުށީ ގޮނޑިއަށް ވާދަކުރާ ނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދީ ސިޔާސީ ޕާޓީގެ ގަރާރެއް ހުށަހަޅުއްވަންޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމުގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުތުތައް ވެސް އިލެކްޝަންގެ އިއުލާންގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރަށް ވުރެ، ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރުމުންދާ މީހަކު ކަމުގައި ނުވުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް އެއް އަހަރުގެ ޖިނާއީ ހުކުމެއްގެ ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ ނަމަ އެ މީހަކަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ