ޖުމްހޫރީ ޕާޓީގެ ދެވަނަ ގައުމީ ކޮންގްރެސް މިއަހަރުގެ މެއި މަހުގެ ކުރިން އޮންނައިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާ ކަމަށާއި ކޮންގްރެސްގައި ރިޔާސީ ޓިކެޓް އެހެން މެންބަރަކަށް ދީފިނަމަ އެމީހެއްގެ ފަހަތުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓިން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވަމުން ގެންދާ ހަފްތާ ބައްދަލުވުންތަކުގެ ތެރެއިން ޕާޓީގެ ޖަގަހަ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މެއިމަހު ކޮންގްރެސް ބާއްވަން ނިންމެވި ނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީހް ކަނޑައަޅާނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންގްރެސްގެ ކުރިން ރާއްޖޭގެ ހުރިހައި ރަށަކަށް ޕާޓީން ދަތުރުކޮށް ޕާޓީގެ ގޮފިތައް އުފައްދަވާނެ ކަމަށާއި މިކޮންގްރެސް ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް، އެންމެ ފުރިހަމަ ކޮންގްރެސް ކަމަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޕާޓީގެ އެއްވެސް މަގާމަކީ ވަކި މެންބަރަކަށް ސިއްކަ ޖެހިގެން އިންތިޚާބު ކުރެވޭނެ މަގާމެއް ނޫން ކަމަށާއި ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވައިލެވޭނެ ކަމަށެވެ.
"މިޕާޓީގެ ކޮންމެ މަގާމަކަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތް. މިޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު އެބައޮތް މިޕާޓީގެ ހަމަ ކޮންމެ މެމްބަރަކަށްވެސް. އަސާސީ ގާވާއިދު ބުނާ ގޮތުން ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަށް، އެހެންކަމުން ޕާޓީގެ ލީޑަރަށް ވުމުގެ ފުރުސަތުވެސް ހަމަ ކޮންމެ މެބަރަކަށްވެސް އެބައޮތް." ގާސިމް ވިދާޅުވި އެވެ.
“ލީޑަރުކަމަށް ގާބިލު ބޭފުޅަކު ކުރިމަތިލައްވައި ކާމިޔާބު ކުރައްވައިފިނަމަ އަޅުގަނޑުވެސް ހުންނާނީ ލީޑަރުގެ ފަހަތުގައި. ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަކީ ޕާޓީގެ ލީޑަރަށް ލިބޭ އެއްޗެއް،. ވީމާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިގަތުމުގެ ފުރުޞަތުވެސް އޮތީ ހަމަ ހުލުވާލެވިފައި.” ގާސިމް އިތުރަށް ވިދާޅުވި އެވެ.
ގާސިމް ސިޔާސީ މަޤާމުތަކުގައި ކުރިއަށް ދިއުމުގެ ފުރުޞަތު އެންމެ ބޮޑަށް ހުޅުވާލެވިފައިވަނީ ޖުމްހޫރީ ޕާޓީގެ ތެރެއިން ކަމަށާއި ވީހައި ގިނަ ބައަކު ޖުމްހޫރީ ޕާޓީ އާއި ގުޅި މަގާމުތަކަށް ވާދަކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި މެމްބަރުންގެ ނިސްބަތުން މިވަގުތު ހަތަރުވައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖުމްހޫރީ ޕާޓީގެ ފުރަތަމަ ޤައުމީ ކޮންގްރެސް ބާއްވާފައިވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ޓިކެޓް އެހެން މީހަކަށްދީފިނަމަ އެމީހެއްގެ ފަހަތުގައި މަސައްކަތްކުރާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ