ޑީއާރުޕީގެ ބައެއް އިސް ބޭފުޅުން ޕާޓީ ބައިބައިކޮށްލަން ކުރައްވާ މަސައްކަތަކީ އެންމެ ބޮޑު ހިޔާނާތް: އަލީ ވަހީދު

ޑީއާރުޕީގެ ބައެއް އިސް ބޭފުޅުން ޕާޓީގެ އެތެރެއިންނާއި ބޭރުން ޕާޓީ ބައިބައިކޮށްލަން މަސައްކަތް ކުރައްވާ ކަމަށާއި އެއީ އެންމެ ބޮޑު ހިޔާނާތް ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
މާފުށީގައި ބޭއްވި އެ ޕާޓީގެ އާންމު ބައްދަލުވުމުގައި ޑީއާރުޕީގެ އަނެއް ދެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދަށް ފާޑު ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ ޕާޓީ ބައިކޮށްލުމަށް އެ ދެ ބޭފުޅުން ކުރައްވާ މަސައްކަތް ހުއްޓާލައްވައި އެންމެން އެއްގަލަކަށް އަރައި މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
"ޑީއާރުޕީގެ ނަން ބޯޑު އަޅުވައިގެން އެހެން ޕާޓީތަކުގެ މަންތިރި އަށް ވެގެން މި ޕާޓީ އަށް ސައިކުޅެން ނޫޅޭށޭ އަޅުގަނޑު ދަންނަވާނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު އޭރު ތިއްބެވި ވަޒީރުންގެ ތެރެއިން ދެތިން ހަތަރު ބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ޑީއާރުޕީ ދޫކުރައްވައި ވަޑައިގެންނެވި ކަމަށެވެ. އެހެންވެ އެންމެ ކުޑަމިނުން ޕާޓީގެ ފަރާތުން މީޑިއާ އަށް އަރައި ވާހަކަ ދައްކަވަން ތިއްބެވީ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އާއި ވިލިމާފަންނު ދާއިރާގެ އަހުމަދު ނިހާން ހުސެއިން މަނިކު ފަދަ މަދު ބޭފުޅުން ކޮޅެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މާފުށީގައި ބޭއްވި މި ބައްދަލުވުމުގައި އަލީ ވަހީދާއި ޕާޓީގެ ކައުންސިލްގެ އެހެން ބައެއް ބޭފުޅުން ވަރަށް ބޮޑަށް އުމަރު ނަސީރާއި އިލްހާމް އަހުމަދަށް ފާޑުވިދާޅުވި ނަމަވެސް އެއިން ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އަލީ ވަހީދާއި ޑީއާރުޕީގެ އެހެން ބައެއް އިސްވެރިން އުމަރާއި އިލްހާމަށް މި ފާޑު ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރާ ހަވާލު ކުރުމުގައި ސަރުކާރުގެ އިތުރުން އިދިކޮޅު ބައެއް ފަރާތްތަކުން ރިޝްވަތު ނަގާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އާންމު ބައްދަލުވުމެއްގައި އުމަރު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. މީގެ އިތުރުން ތަސްމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދާ ދެ ބޭފުޅުން ލަންކާ މަގުން އިންޑިޔާގެ ނިއުދިއްލީ އަށް ވަޑައިގެން ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ވެސް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެކަމަކު އެ ދެބޭފުޅުން ވެސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ރޭގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ނާކާމިޔާބީ އަށް ފަހު ޕާޓީ އަށް ފައިނޭންސް ހޯދުމަށްޓަކައި ތަސްމީނާއި ޝާހިދު ގޭގެ އަށް ޓިކެޓް ވިއްކަވަން ވަޑައިގެންނެވި މަންޒަރު ވެސް ފެނިގެން ދިޔަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރާ ދެކޮޅަށް ނުކުންނަ މީހުންނާ ދެކޮޅަށް ނުކުތުމަށް އާންމު މެމްބަރުންނަށް ގޮވާލަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ތަސްމީނާއި ޝާހިދު ރިޝްވަތު ނެންގެވި ކަމަށް ކުރެވޭ ތުހުމަތަށް ރައްދު ދެއްވައި އޭނާ އަދި ވިދާޅުވީ އެފަދަ ކަމެއް އުޅޭ ނަމަ ޑީއާރުޕީ އަށް ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭއިރު އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަނާޅާ ނަމަ އެގޮތަށް ތުހުމަތުކުރާ މީހުން ވެސް އެ ކަމުގައި ބައިވެރިވެފައިވާހެން ހީވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ތަސްމީނާއި ޝާހިދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރާ ފަރާތްތަކުން ވެސް މި ދޭތެރެއިން އަވައްޓެރި ބައެއް ގައުމުތަކަށް ދަތުރު ކުރައްވާފައިވާތީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދުގެ އިތުރުން އަނެއް ޑެޕިއުޓީ ލީޑަރު މަވޯޓާ ޝަރީފު ވިދާޅުވީ ތަސްމީން ޕާޓީގެ ލީޑަރު ކަމަށް ވަޑައިގެންނެވީ ޑީއާރުޕީ އަށް ޓަކައި އެތައް މިލިއަން ޑޮލަރެއް ހޭދަކުރައްވާފައި ކަމަށެވެ. އެގޮތުން ދެ މިލިއަން، ފަސް މިލިއަން އަދި 20 މިލިއަން ޑޮލަރު ވެސް ތަސްމީން ޑީއާރުޕީ އަށް ހޭދަކުރައްވާފައިވާކަން މަވޯޓާ ފާހަގަ ކުރެއްވި އެވެ.
މަވޯޓާ އަދި ވިދާޅުވީ ޑީއާރުޕީ ބައިބައިކޮށްލުމަށްޓަކައި މަސައްކަތް ކުރަމުންދާ "ކަތުރުފަނިތައް ނައްތާލަންވީ" ކަމަށެވެ.
ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނަށް ވަރުގަދަ ރައްދެއް ރޭގެ ޖަލްސާގައި މަވޯޓާ ޝަރީފާއި އަލީ ވަހީދު ދެއްވިއިރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު ވެސް ވަނީ ބަހުގެ ހަމަލަތަކެއް އުމަރަށް ދެއްވައިފަ އެވެ. އެގޮތުން ޑީއާރުޕީގެ މުވައްޒަފުންނަށް މުސާރަ ނުދެވިގެންނާއި ޕާޓީ އޮފީހުގައި ލާނެ ދަވާދެއް ނެތް ކަމަށް ޕާޓީގެ އިސްވެރިން ވާހަކަ ދައްކަވާއިރު އެކަން ކުރެއްވޭނެ ވަރުގެ މަގާމުގައި ތިއްބަވައި އެ ވާހަކަ ބޭރުތެރޭގައި ދެއްކެވުމުން "ހަސީލަތް ގޯސްކަން" އެނގޭ ކަމަށެވެ.
ޑީއާރުޕީގެ ގިއަރު ބަދަލުކުރަން ޖެހިފައިވާ ކަމަށް މީގެ ކުރިން އުމަރު ދެއްކެވި ވާހަކަ އަށް ވެސް އަލީ ވަހީދު ރޭގައި ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ގިއަރު ބަދަލުކުރުމުގެ ވާހަކަތައް ދެއްކިއިރު ޕާޓީގެ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާ ބަންދެއްގައި ރަށްރަށަށް ޕާޓީގެ ލީޑަރު ވަޑައިގެން އެކިއެކި ހަރަކާތްތައް ހިންގަވަމުން ގެންދަވާ ކަމަށެވެ. އަދި ނުވިތާކަށް މިދިޔަ ނޮވެމްބަރު 3 ގައި ތަސްމީނާއި ޝާހިދު މަގުމައްޗަށް ނުކުމެ ވަޑައިގެން އެ ރޭ ބޭއްވި ހިނގާލުމުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.
"އެ ހިނގާލުން ބޭއްވި ރޭ ނޫން އަނެއް ރޭ އެހެން ބައެއް އިސްވެރިން ފެނުނީ އެހެން ރިޔާސީ ކެންޑިޑޭޓަކާއެކު ޖަލްސާ ކުރެއްވި ތަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ