ޕީޖީ މުއިއްޒު މަގާމުން ވަކިކުރިޔަ ނުދޭނަން: މަހްލޫފް

ޕްރޮސެކިއުޓަ ޖެނަރަލް އަހްމަދު މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކުރިޔަ ނުދޭނެ ކަމަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވަގުތީ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ މައްޗަށް ސަރުކާރުން ކުރަމުން އައި އިތުބާރު މިހާރު ގެއްލިފައިވާ ކަމަށާއި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވިސްނަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވުމާ ގުޅިގެން ޕީޕީއެމްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަހްލޫފު ވިދާޅުވީ "އެމްޑީޕީން ހިތްހަމަ ނުޖެހޭ ގޮތަކަށް މުއައްސަސާއަކުން ކަމެއްކޮށްފި ނަމަ، ބޭނުންވަނީ އެ މުއައްސަސާއެއް ދުއްވާލުމަށް" ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ސުޕްރީމް ކޯޓު ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބުނެ ދިނުމަށް ޕީޖީ ވަނީ ފުލުހުންނަށް އަންގައިފަ އެވެ.
"ޕީޖީއަށް ރަނގަޅު ނޫން ކަމެއްކަމަށް ގަބޫލްކުރެވެންޏާ އެކަމެއް ބެލުމަށް އެންގުމަކީ ޕީޖީގެ ވާޖިބެއް. އެއްވެސް ރައްޔިތަކު ނުބާނެ ސުޕްރީމް ކޯޓުކައިރީގަ އާއި ރައީސް މައުމޫން ދިރިއުޅުއްވާ ގޭކައިރީގައި ކުރި މުޒާހަރާއަކީ ރަނގަޅު ކަމެއް ކަމަށް،" މަހްލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ފެންނަނީ "ޖަންގަލީގެ ގާނޫނޫ ގެނައުމަށް މަސައްކަތްކުރާ ތަން" ކަމަށާއި ކުށްވެރިން ދޫކުރާ ވާހަކަ ދައްކަނީ މީހުންނަށް ބިރު ދެއްކުމަށް ކަމަށެވެ.
"ކުށްވެރިން ދޫކުރާ ވާހަކަ އެ ދައްކަނީ. ދޮޅު އަހަރަށް ހުކުމްކޮށްފައި ހުރި މީހަކު [ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދު] އެމްޑީޕީގެ ބާރު އެޅައިގެން އިއްޔެ މަޖިލީހަށް އެ ގެނައީ. ޖަންގަލީގެ ގާނޫނު ގެންނަން މަސައްކަތް އެކުނަނީ،" މަހްލޫފު ވިދާޅުވި އެވެ.
ޕީޖީ މުއިއްޒު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފާނެތީ "ކުޑަކޮށް ވެސް ޖެހިލުމެއް ނުވާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ