ޑީއާރުޕީގެ އެއްބައިވަންތަކަމަށްޓަކައި ރިޔާސީ ޕްރައިމަރީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ދެން ނެތް: އުމަރު

ރިއާސީ ޕްރައިމަރީއަކުން ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވާގޮތަށް ހަމަޖެއްސުމަށް ކުރި މަސައްކަތް ކާމިޔާބުނުވި ނަމަވެސް ޕާޓީގެ އެއްބައިވަންތަކަމަށްޓަކައި އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ދެން ނެތް ކަމަށް އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ކޮންމެ ރިއާސީ އިންތިހާބެއްގެ މަދުވެގެން 45 ދުވަސް ކުރިން މެމްބަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް، އުމަރު ނަސީރު ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ނަމަވެސް ކައުންސިލުގެ އިސްލާހެއް ފާސްވުމާ ގުޅިގެން އުމަރުގެ އެ އިސްލާހަށް އިއްޔެ ވޯޓަކަށް ނާހަ އެވެ. އެއާއެކު އުމަރާއި އޭނާގެ ޓީމުން ރިއާސީ ޕްރައިމަރީ ބޭއްވުމަށް ކުރައްވަމުން އައި މަސައްކަތް ވަނީ ބޭކާރުވެފަ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި އުމަރު މިއަދު ވިދާޅުވީ މި ކޮންގްރެސް އިން ރިއާސީ ޕްރައިމަރީ ބޭއްވުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން "މި ވަގުތަށް އެކަން އެ ހިސާބުން ނިމުނީ" ކަމަށެވެ.
"ދެން އެ ޗެޕްޓަރު މި ވަގުތަށް ނިމުނީ. ދެން އަންނަ ކޮންގްރެސްގައި އަނެއްކާ ވެސް އަޅުގަނޑުމެންގެ ޓީމުން ނިންމާ ނިންމުމަކަށް އަދި އޭރެއްގެ ހާލަތަށް ބަލާފައި އެކަން ކުރިއަށް ގެންދާނީ،" ޑީއާރުޕީގެ ނާއިބު ޒައީމްކަމަށް ވާދަކުރައްވާ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ލީޑަރު ރިއާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކުރި ފާސްކުރުމަށް ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ކަމަށެވެ.
"އަޅުގަނޑު އެ ނިންމުމަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން. އެއީ ޕާޓީގެ ޔުނިޓީ އަށްޓަކައި އަޅުގަނޑު ކުރާ ކަމެއް. ކުރިން ވެސް އަޅުގަނޑު އޮންނާނީ ބުނެފައި އަޣުލަބިއްޔަތަށް ތަބާވާނަމޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިއާސީ ޕްރައިމަރީގެ ވިސްނުން ކޮންގްރެސްގެ ވަރަށް ގިނަ މަންދޫބުންގެ ސިކުނޑި އަށް ވަދެފައިވާ ކަމަށާއި އެކަމަކު އެކަމަށް ވޯޓަކާ ހަމައަށް ނުދެވުމުން އެކަން ފެއިލްވީ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ވޯޓަކާ ހަމައަށް ދިޔަ ނަމަ ކޮންމެވެސް ވަރެއް ވީހޭ. އެ ކޮންސެޕްޓަށް ވޯޓަށް އެހުނު ނަމަ މިކަން ޓެސްޓްކުރެވުނީސް. އަނެއްކޮޅުން ވީ ގޮތަކީ ރައީސް މައުމޫން ވެސް، ޕާޓީގެ އެންމެ އިސް މަގާމަކީ ލީޑަރުގެ މަގާމު ކަމަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ދެއްވި. އެއިން ވެސް އަސަރުކުރި،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ