ގާޒީ ނައީމް ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ (ސީފުޑް މުސްތަފާ) ބަންދުގައި ބަހައްޓައިގެން ޝަރީއަތަކަށް ހާޒިރު ކުރައްވާފައިވާތީ މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ނައީމުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ހިންގާ ތަހުގީގުގަށް އޭނާ ރޭ ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ގާޒީއެއްގެ މައްސަލަ މި ގޮތަށް ހުޅުވާލައިގެން ތަހުގީގުކުރި ފުރަތަމަ ފަހަރު އެ އަޑުއެހުމަށް ފަހު ނުކުމެވަޑައިގެން ނައީމް ވިދާޅުވީ، މުސްތަފާ ހާޒިރު ކުރުމުގެ އަމުރު ނެރުއްވީ ގާނޫނާ އިމުގެ ތެރެއިންކަން ސާބިތު ކުރުމަށްޓަކައި ދައްކަންޖެހޭ ހުރިހާ ހެކިތަކެއް ދެއްކެވި ކަމަށެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން އެޅި ފިޔަވަޅެއްކަން ޖޭއެސްސީ އަށް މިހާރު އެނގޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މި އަޑުއެހުމަށް ނޫސްވެރިން ވައްދައިފައެއް ނުވެ އެވެ.
"އެ ފިޔަވަޅު އަޅައިގެން ގާނޫނީ އެއްވެސް ގޮޅިއަކަށް އަޅުގަނޑު ފެއްތޭނެ އެއްވެސް ޖާގައެއް ނޯންނާނެ. ސުލޫކީ މިންގަނޑާ ހިލާފަށް އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" މަދަނީ ކޯޓުގެ ބޮޑެތި މައްސަލަތައް ބައްލަވާ ސީނިއާ ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މިފަދަ ތަހުގީގުތައް ކުރާއިރު ކަމުގެ ހަގީގަތް ނުބަލާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. މިއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް އޮތްތޯ ބަލަން ކުރާ ތަހުގީގެއް ކަމަށް ޖޭއެސްސީން ބުނާއިރު މިފަދަ ތަހުގީގެއް ކުރަންޖެހޭނީ ވެސް ސުލޫކާ ހިލާފް ކަމެއް ފާހަގަ ކުރެވޭ ނަމަ ކަމަށް ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ މި މައްސަލަ ގާނޫނީ ގޮތުން ޖޭއެސްސީ އަށް ބެލޭ ގޮތާއި މި މައްސަލައާ ގުޅޭ ސުވާލުތަކެއް ތަހުގީގު ޕެނަލާ ކުރެއްވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އެބޭފުޅުންނަށް ޖަވާބު ނުދެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..... މީގެ މާނައަކީ އެ ބޭފުޅުން ތަހުގީގު ކުރައްވަން ނިންމަވާފައި ވަނީ ވެސް މުސްތަފާ [ހުށަހަޅުއްވާފައިވާ މައްސަލައެއް] ވީމައޭ. އެއްގޮތަކަށް ވެސް ގާނޫނީ ގޮތުން އެބޭފުޅުން ބައްލަވަންޖެހޭ މިންގަނޑުތަކަށް ބައްލަވައިގެން އަޅުގަނޑު ސުލޫކީ މިންގަނޑާ ހިލާފްވެގެން ކުރައްވާ ތަހުގީގެއް ގޮތަކަށް ނޫނޭ،" ނައީމް ވިދާޅުވި އެވެ.
"މި ތަހުގީގަކީ ކުރިއަށް ގެންދެވޭނެ ތަހުގީގެއް ނޫން ކަމަށް މި ރާއްޖޭގައި ތިބި ހުރިހާ ފަނޑިޔާރުންނާއި މި ރާއްޖޭގައި ތިބި ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ތަކުރާރުކޮށް އެކި މީޑީއާތަކުންނާއި އެކި ގޮތްގޮތުން އެ ވާހަކަ ދައްކަވަމުން ދިޔައިރު ވެސް އެ ބޭފުޅުން އެކަމަށް ބީރު ކަންފަތެއް ދެއްވިކަން އެއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" ނައީމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންގެ ޝަރުއީ ދާއިރާ އަށް ވަރަށް ކަޅު ދުވަހެއް."
ނައީމް ވިދާޅުވީ މި ތަހުގީގު ކުރުމަކީ ވަރަށް ނުބައި ފެށުމެއް ކަމަށާއި މިކަމުގެ ސަބަބުން ދެން ތިއްބެވި ފަނޑިޔާރުންނަށް ނުރައްކާތެރިކަން އިހްސާސްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން ގިނަ ފަނޑިޔާރުންތަކެއްގެ ފަރާތުން އޭނާ އަށް ޝަކުވާތައް ލިބިވަޑައިގެންނެވި ކަމަށް ނައީމް ވިދާޅުވި އެވެ. ނަމަވެސް މިފަދަ ކަންކަމަށް ފަނޑިޔާރުން ޖެހިލުންނުވާނެ ކަމަށާއި ސާބިތުކަމާ އެކު އިންސާފު ގާއިމު ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ރިޔާސީ ކޮމިޝަނުގެ މެންބަރު ހުސެއިން ރަޝީދު އަހުމަދު ވެސް ވަނީ ނައީމްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ކޮމިޝަނުން ބަލަން ފެށުމުން އޭނާ ވަނީ ޝަކުވާ އަނބުރާ ގެންދަވައިފަ އެވެ. ގާޒީ ނައީމްގެ ތަހުގީގު ފެށުނު ފަހުން ވެސް އޭނާ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެސްއެލްޕީގެ މަސްއޫލުވެރިޔާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ކޯޓަށް ހާޒިރު ކުރެއްވުމަށް ނިންމަވައިފަ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ ތަހުގީގުގެ މި އަޑުއެހުމަކީ "ހުޅުވާލައިގެން" ބޭއްވި އަޑުއެހުމެއް ކަމަށެވެ. ނަމަވެސް ކުރީގެ ހައި ކޯޓުގެ އިމާރާތުގައި ހުރި ރާއްޖޭގެ އެންމެ ޖާގަ ބޮޑު ކޯޓް ރޫމަށް ވައްދާފައި ވަނީ އެންމެ 25 މީހުންނެވެ. އެ 25 މީހުންގެ ތެރޭގައި ވެސް ހިމެނެނީ މަދަނީ ކޯޓުގެ މުވައްޒަފުންނާއި ޖިނާއީ ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުން އަދި ޖޭއެސްސީގެ ބައެއް މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ