ފަޅު ފުންކުރުމުގެ މައްސަލައިގައި ރައްޔިތުން ފީއަލީ އޮފީހާއި ކޯޓުން ކަރަންޓް ކަނޑާލައިފި

ފަޅު ފުންކުރުން ހަމަނުޖެހި ލަސްވަމުންދާތީ ފ. ފީއަލީ ރައްޔިތުންގެ ބަޔަކު ނުކުމެ ރަށު އޮފީހާއި ރަށު ކޯޓުން ބުރާސްފަތި ދުވަހު މެންދުރު ކަރަންޓު ކަނޑާލައިފި އެވެ.
ކުޑަކަތީބު އަހުމަދު ޒާހިރު ވިދާޅުވީ އާބާދީ 900 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށުގެ ބައެއް ރައްޔިތުން ނުކުމެ އޮފީހާއި ކޯޓުން ކަރަންޓު ކަނޑާލީ ފަޅުފުކުރުން ލަސްވަމުންދާތީ އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާތައް ކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ރަށު އޮފީހާ ކޯޓުން ކަރަންޓު ކަނޑާލުމުގެ އިތުރުން އެ ދެ ތަނުގެ މުވައްޒަފުންނަށް އެއްވެސް ހިދުމަތެއް ދީފިނަމަ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ސިއްހީ މަރުކަޒަށާއި ރަށުގެ ސްކޫލަށް ވެސް ދީފައިވާ ކަމަށެވެ.
"އެ މީހުންގެ ޝަކުވާ އަކީ ފަޅު ފުންކުރުން ލަސްވުން. އެކަމާ އަޅުގަނޑުމެން މި ގެންދަނީ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި ގުޅަމުން،" ޒާހިރު ވިދާޅުވި އެވެ.
ހަވީރަށް ފޯނުކުރި ފީއަލީ މީހަކު ބުރާސްފަތި ދުވަހު ބުނީ ރައްޔިތުން ނުކުމެ އޮފީހާއި ކޯޓުން ކަރަންޓު ކަނޑައިލީ މެންދުރު ބާރަޖަހާކަންހާއިރު ކަމަށާއި ރައްޔިތުންގެ ކަރަންޓު، ދެން އެ ދެ ތަނަށް ދޭނެ ކަމަށް ރައްޔިތުން ބުނެފައި ވަނީ ފަޅުފުން ކުރުމުން ކަމަށެވެ.
"ރައްޔިތުން ކަނޑާލީ ރައްޔިތުން ދީފައިވާ ކަރަންޓު. އެހެން އެއްވެސް ކަމެއް ނުކުރޭ. މިހާރު އެންމެން ގެއަށް ވެސް ހިނގައްޖެ. އެކަމަކު މިހެން ހެދީ ސަރުކާރުން ވެފައިވާ 18 އަހަރުވީ ވައުދެއް ފުރިހަމަ ނުކޮށް އޮތުމުން،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ