ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިމައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކުރައްވާ ރައީސް މައުމޫނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމާއި އަދި އެހުކުމަށް ތާއީދުކޮށް ހައިކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ރައީސް މައުމޫން ހުށަހެޅުއްވި އިސްތިއުނާފް ލިޔުންތަކުގައި ނެތް ކަމަށެވެ. މިގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
"ހައިކޯޓުގެ ނަންބަރު 2016/HC-A-/464 ގަޟިއްޔާގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތަތީ، މި މައްސަލައަކީ ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)ގެ 16 ވަނަ މާއްދާ އާއި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެ ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާކަން އެންގީމެވެ،" ސުޕްރީމް ކޯޓުގެ ލިޔުމުގައިވެ އެވެ.
ރައީސް މައުމޫން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިނުގަތުމުން ރައީސް މައުމޫންގެ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ރައީސް މައުމޫން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ނުބާއްވާ ބޭރުކޮށްލުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އިންސާފު ލިބޭނެ ދުވަސް އަންނާނެ ކަަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ރައީސް މައުމޫން ހައިކޯޓުގައިވެސް އިސްތިއުނާފް ވެސް ކުރެއްވި އެވެ. ނަމަވެސް ރައީސް މައުމޫން މިމައްސަލަ މިމަހުގެ 20 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުމުގެ ކުރިން ރައީސް ޔާމީން ފެކްޝަނަށް ތާއީދުކުރާ އައްބާސް ވާފިރު ކިޔާ މީހަކު ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ސޮއިކުރައްވާ އިއްޔެ ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ ރައީސް މައުމޫން ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގައި ކޯޓުން މީގެ ކުރިން ހުކުމެއް އިއްވާފައިވާތީ އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އައްބާސް ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މިމަހުގެ 23 ވަނަ ދުވަހު މައްސަލަ ނިންމާފަ އެވެ.
ހައިކޯޓުގެ މިހުކުމުގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ހާއްސަ ހާލަތެއް ކަމަށެެވެ. އެހެންކަމުން މިމައްސަލާގައި ކޯޓުން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމާ ގުޅޭގޮތުންވެސް މައްސަލަތަކެއް އުފެދިފައިވާ ވަގުތެއްގައި އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރުން ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މީގެ ކުރިން ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި ރައީސް މައުމޫންގެ ދައުރު ހަމަނުވަނީސް އެމަނިކުފާނުގެ ބާރުތައް ގެއްލޭ ގޮތަށް ކަންކަން ވެެގެން ދިއުމަކީ ޕާޓީގެ އެތައް މެންބަރުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެހެންކަމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕާޓީގެ އެންމެހާ މެންބަރުންގެ ހައްގުގައި ކަަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ރައީސެއް ނެތް ފަދަ ހާލަތެއް ކަމަށާއި އެހެންކަމުން ޕާޓީގެ ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ހުކުމްކުރާ ކަމަށެވެ. އަދި އެހުކުމް ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރުގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް ރައީސް ޔާމީން ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވަފަ އެވެ.
ޕީޕީއެމް މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން ހުރިހާ ބޭފުޅުންވެސް އެމަނިކުފާނާއެކު ތިއްބެވުމަށް ރައީސް މައުމޫން މީގެ ކުރިން ވަނީ އެދިވަޑައިގެންފަ އެވެ. އެހެންކަމުން ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ ޝަރުއީ ހުރިހާ މަރުހަލާއެއް މިހާރު މިވަނީ ނިމިފަ އެވެ. ނަމަވެސް ރައީސް މައުމޫން ދެން އަމަލުކުރައްވާނެ ގޮތެއް އެމަނިކުފާނު އަދި ވިދާޅުވެފައެއް ނުވެ އެވެ.
ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ