މެމްބަރު ޔައުގޫބުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބުގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ސުުުޕްްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލް އައްސަދު ޝަރީފެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެނެވެ. ނަމަވެސް އެކަމާ ސުވާލުތައް އުފެއްދި ފަހުން އޭނާ ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.
މައްސަލަ ހުށަހެޅުއްވި ކުރީގެ ފަނޑިޔާރު ހަލީމާއި ޤާނޫނީ ވަކީލު އައްސަދު ވަނީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ.
މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނޭ ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަލީ ރަޝިދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ