"އިންޑިޔާ އައުޓް" ހަރަކާތް ޝާހިދު ސިފަކުރެއްވީ ފިތުނައެއް ކަމުގައި

ދިވެހިރާއްޖޭގައި ޤާއިމުވެ ތިބޭ އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވައިލާ ސޯޝަލް މީޑިޔާގައި ހިންގާ "އިންޑިޔާ އައުޓް"އަކީ ޤައުމީ ކަމެއް ނޫން ކަމަށާއި އެއީ ފިތުނައެއް ކަމުގައި ޚާރިޖީވަޒީރު ޢަބްުދﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިފަދައިން ޝާހިދު ވިދާޅުވީ "ސަން" ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ޝާހިދު ވިދާޅުވި ގޮތުގައި އިންޑިޔާ އައުޓް ހަރަކާތަކީ އެނޫން އެއްވެސް ގޮތެއް ނެތިގެން ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ހަރަކާތެކެވެ. ޝާހިދު ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އެއްވެސް ޤައުމީ ކުލައެއް ނެތް ނުބައި ނިޔަތެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ޝާހިދު ވިދާޅުވީ އެއްވެސް ޤައުމަކާ ދިމާލަށް އައުޓު ބިނާ މިންވަރަށް އެއްވެސް ކަމެއް ނުދާ ކަމަށެވެ. އަދި ރާއްޖެއިން ޤައުމުތަކާ ބާއްވަނީ އެއަށްވުރެ މާ ޚާއްޞަ ގުޅުންތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖަޕާނު ސިފައިންނާއި ރާއްޖެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ހިންގާތީ ޖަޕާނު އައުޓު ގޮވަންވީތޯވެސް އެމަނިކުފާނު ސުވާލުކުރެއްވިއެވެ. ޝާހިދު މިފަދައިން ވިދާޅުވި ނަމަވެސް ދާއިމީ ސިފައެއްގައި އެކި ސަބަބުތަކާހުރެ އިންޑިޔާ ސިފައިން ރާއްޖޭގައި އެބަ ތިއްބެވެ. އަދި ސިފައިން ތިބި ޢަދަދު ހާމަކުރުމަށް މި ސަރުކާރުވަނީ ދެކޮޅުހަދާފައެވެ. އެހެން އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ދާއިމީ ސިފައެއްގައި ޤާއިމުވެ ނުތިބޭކަން ފާހަގަކޮށްލެވެއެވެ. އިންޑިޔާއާ ރާއްޖެއާ އޮންނަ ގުޅުން ދިފާޢުކުރައްވައި ޝާހިދު ވިދާޅުވެފައިވަނީ އިންޑިޔާއާ އޮންނަ ގުޅުމުން ދިވެހިރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ މުޅިންވެސް ފައިދާ ކަމަށެވެ. އެގޮތުން އިންޑިޔާއިން ނޮވެންބަރު 3 ގައި ވި އެހީއާއި މާލެއަށް ކުރިމަތިވި ފެން ކާރިސާގައި އިންޑިޔާއިންވި އެހީގެ ވާހަކަ ޝާހިދު ތަކުރާރުކުރެއްވިއެވެ. އަދި ރާއްޖެއިން ގިނަ ޤައުމުތަކަކާއެކު އަސްކަރީ ގުޅުން ބާއްވާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި އެއްވެސް ޤައުމެއްގެ ޢަސްކަރީ ބަޔަކު އިނގިރޭސިން ރާއްޖެއިން ފޭބި ފަހުން ޤާއިމުވެ ނުތިބޭ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ބޭރު ޤައުމުތަކާ އޮންނަ ގުޅުމުގެ ސަބަބުން ޤައުމުގެ އެންމެ ވެލިފުކެއްވިޔަސް ބޭރުގެ ބަޔަކަށް ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ