ކައުންސިލުތަކުން އިސްނަގައިގެން ކުރާ ކަންކަމުގައި އަންނަ އަހަރުން ފެށިގެން އެހީވެދޭނަން: އުމަރު

ރަށު ކައުންސިލުތަކުން އިސްނަގައިގެން ކުރާ މަސައްކަތްތަކުގައި އަންނަ އަހަރުން ފެށިގެން ދައުލަތުން އެހީތެރިވެދޭނެ ކަމަށާއި އެ ކަމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ހައްދުންމަތީ ކައުންސިލުން ބާއްވާ އެކަޑަމިކު އެވޯޑް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ސަރުކާރުގެ އެދުމަކީ ހުރިހާ ކައުންސިލަކުން ވެސް އިސް ނަގައިގެން ކަންކަން ކުރަމުން ގެންދިއުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ކޮށްދީފާނެ ކަމަކަށް ނުބެލުމަށް އިލްތިމާސްކުރާ ކަމަށާއި އިސްނަގައިގެން ކަންކަން ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. "ދިވެހިރާއްޖެ މިހާ ހިސާބަށް ތަރައްގީވެފައި މިއޮތީ ހަމައެކަނި ސަރުކާރުތަކަކުން ކޮށްފައި ހުރި މަސައްކަތަކުން ނެއް ނޫން. ގިނަ ރަށްރަށް ގިނަ އަތޮޅުތައް ތަރައްގީވެފައި ހުރީ އެ އަތޮޅުތަކުން އިސްނަގައިގެން ކޮށްފައިހުރި ކަންކަމުގައި. އެފަދަ އިސްނެގުންތަކަށް އޭރެއްގައި އޮންނަ ސަރުކާރަކުން އައިސް އަބަދުވެސް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ވަމުން ގެންދޭ. އެއީ ތަރައްގީ ހާސިލު ކުރެވޭނެ ގޮތަކީ. ހަމައެކަނި ހޮޅުއަށީގައި އަޅުގަނޑުމެން ތިބެ ސަރުކާރުން އަންނަ ބޯޓު ލަފަންދެން މިހެން ތިބެގެންނެއް އަޅުގަނޑުމެންނަކަށް ތަރައްގީއެއް ނުލިބޭނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. މިނިސްޓަރު އުމަރު ވަނީ ސަރުކާރާއި ރަށުގެ ރައްޔިތުންނާ ގުޅިގެން ތަރައްގީ ހޯދުމުގެ އާ ރޫހެއްގައި ތެދުވެ މަސައްކަތް ކުރުމަށް ކައުންސިލުތަކަށާއި ރަށްރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފަ އެވެ. މިރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ރައީސް އުމަރު ވިދާޅުވީ ތައުލީމާ ނުލާ ގައުމެއް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އުމަރު ވިދާޅުވީ ގައުމެއް ކުރިއަރާ ދިއުމުގެ އެންމެ މުހިއްމު ހަކަތައަކީ ޒުވާނުންގެ ހަކަތަ ކަމަށެވެ. އެ ހަތަކައިގެން ބޭނުން ފުރިހަމަ ގޮތުގައި ހިފޭތޯ މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ޒުވާނުންގެ ހަކަތައަށް އިތުރު އާރޯކަމަކާ ރޯޝަން ކަމެއް ގެނައުމަށްޓަކައި އެކިއެކި ޕުރޮގުރާމުތައް ހިންގައިގެން އަޅުގަނޑުމެން [ސަރުކާރުން] މިގެންދަނީ މަސައްކަތް ކުރަމުން. ސްކޫލު ދައުރުގައި ވެސް މިއަދު އޭނާ ވަޒީފާ އަށް އެނބުރިލާއިރު އަދި ދިރިއުޅުމަށް ނުކުންނައިރު އޭނާގެ އުމުރުން ގާތްގަނޑަކަށް 18 އަހަރު ނުވަތަ 20 އަހަރު ފުރިފައިވޭ. އަނެއްބައި ފަހަރު 25 އަހަރު ވެފައިހުރޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކާމިޔާބީ އަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމަށް އަދުގެ ބައެއް ޒުވާނުންނަށް ހީވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކާމިޔާބީ އަކީ ވަރަށް ދިގު ދަތުރެއް ކުރަން ޖެހޭ ކަމެއް ކަމަށާއި ތަފާތު ގިނަ ހުރަސްތައް ކަޑަތު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީހަކަށް އެ މަގުތައް ކަޑަތު ކުރެވިއްޖެ ނަމަ އެ މީހަކީ ކާމިޔާބު މީހެކޭ ބުނެވިދާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ