އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ބުރާސްފަތި ދުވަހު ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ހިތަދޫ ދެކުނު ދާއިރާ އަށް ޑީއާރުޕީން ކުރިމަތިލެއްވި ހުސެއިން ސޯލިހު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބޭއްވިއިރު ގާނޫނާ ހިލާފަށް ހިނގާފައިވާ އަށް ކަމެއް ފާހަގަ ކުރައްވާފައިވާނެ އެވެ.
"ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު މި ބޭއްވީ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ވެސް ގާނޫނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް. ގާނޫނާ އެއްގޮތަށް އިންތިހާބު ބާއްވާނަމަ އައްޑު އަތޮޅުގައި ބޭއްވޭނީ އަޅުގަނޑު ދެކޭ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު. ސިޓީ ކައުންސިލް އިންތިހާބެއް ނޫން ބާއްވަން ޖެހޭނީ،" ހުސެއިން ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު މާ ކުރިން ފެށިގެން އެ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލް އިންތިހާބު ބާއްވާކަން އިންތިހާބަށް އެންމެ 12 ގަޑިއިރަށް ވެފައި ވަނިކޮށް އިއުލާން ކުރިއިރު ގާނޫނުގައި ބުނާ ގޮތަށް ކެމްޕޭން ކުރުމުގެ ފުރުސަތު ދީފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން ސޯލިހު އަދި ވިދާޅުވީ ސުޕްރީމް ކޯޓުގައި ދައުވާ ކުރައްވަނީ އޭނާ އެކަނި ނަމަވެސް އައްޑޫ ސިޓީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހަތް ކެންޑިޑޭޓަކު ވެސް އެކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ މުޅިން ވެސް އެމްޑީޕީ ކެންޑިޑޭޓުންނެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ