އަބްރަހަމް ލިންކަން ހޯއްދެވި ނަތީޖާ ނެރޭނަން - އުމަރު ނަސީރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން ހޯއްދެވި ނަތީޖާ ހޯއްދަވާނެ ކަމަށް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދުނިޔޭގެ ކާމިޔާބު ލީޑަރުންނަކީ ނާކާމިޔާބުގެ ތެރެއިން ކާމިޔާބު ހޯއްދަވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން, 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް ނަތީޖާއާ ގުޅިގެން ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރެއްވުމަށް އެއްވެސް ޖެހިލުމެއް ނެތް ކަމަށެވެ.
2008ގެ ރިޔާސީ އިންތިޚާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އުމަރު ނަސީރަށް ލިބިވަޑައިގަތީ 2472 ވޯޓެވެ.
އުމަރު ވިދާޅުވީ ސިޔާސީ މީހުންނަށް ދިމާވާ ނާކާމިޔާބީގައި ފަހަތަށް ޖެހެން ނުވާނެ ކަމަށާއި ފަހަތަށް ޖެހޭ މީހުން ވާނީ ފެއިލް ކަމަށެވެ. އެމެރިކާގެ އެންމެ ވަރުގަދަ ރައީސަކީ އަބްރަހަމް ލިންކަން ކަމާއި، ރައީސްކަމުގެ މަގާމަށް ތިން ފަހަރު ވާދަކުރައްވައި، އެމުއްދަތުގެ ތެރޭގައި ކޮންގްރެސްއަށް ވެސް ދެފަހަރު އޭނަ ވާދަކުރެއްވިކަން އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވީ ޖެހިޖެހިގެން ޖުމްލަ ފަސް އިންތިޚާބުން ނާކާމިޔާބު ވުމުން ވެސް ފަހަތަށް ޖެހިވަޑައިނުގެން ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމުގެ ނަތީޖާއަކީ އެމެރިކާ ދުށް އެންމެ ވަރުގަދަ ރައީސަކަށް އޭނަ ވެވަޑައިގަތުން ކަމަށެވެ. އެހެންކަމުން, އަބްރަހަމް ލިންކަން ފަދައިން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 2008ގައި ވޯޓުލީ މީހުންގެ 1.5 ޕަސެންޓު ލިބިވަޑައިގެންފައިވާއިރު، އެއީ އޭނަ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތް ތަނާ ބޭއްވި އިންތިޚާބެއް ކަމަށެވެ. އެދުވަހުގެ ސިޔާސީ މާހައުލާއި، އެދުވަހު ރައްޔިތުން ދެކޭގޮތާއި، މިއަދުގެ ހާލަތު ވަރަށް ތަފާތު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވީ އަށް އަހަރު ކުރިން އިނގޭތޯ. އޭގެ ފަހުން ވަރަށް ދިގު މުއްދަތެއް ފާއިތުވެއްޖެ. އަށް އަހަރުތެރޭ ވަރަށް ގިނަ މަސައްކަތް ސިޔާސީ މައިދާނުގައި ކޮށްފިން." އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ޑީއާރުޕީގެ ނާއިބުރައީސްކަން ކުރައްވާފައެވެ. އަދި ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ޕީޕީއެމްގެ ނާއިބުރައީސްގެ މަގާމުގެ ވެސް ފުރުއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިންމަން ކުރި މަސައްކަތުގައި އެންމެ ބޮޑު ދައުރެއް ކުޅުއްވި އެެއް ބޭފުޅަކީވެސް އުމަރެވެ. މީގެ އިތުރަށް ދައުލަތުގެ އެންމެ އިސް އެއް މަގާމު ކަމުގައިވާ ހޯމް މިނިސްޓަރުކަން ވެސް އޭނަ ވަނީ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ