އައްޑޫ ސިޓީ ހިތަދޫއަށް އުފަން، މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އެރަށު ބުރުނީގެ އަލީ އަބްދުﷲ ގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވިފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ ދަޢުލަތުގެ ފަރާތުން ހުށަހެޅި 5 ހެކިންގެ ހެކިބަސް ނެގުމެވެ.
އެގޮތުން މި މައްސަލައިގައި ދަޢުވާ ލިބޭ، ސ.ހިތަދޫ ނަޝީދީގެ މުހައްމަދު ޝިފާޒުގެ ޝަރީޢަތުގެ އަޑުއެހުން މިއަދު ކުރިއަށް ގޮސްފައިވާއިރު، ދަޢުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކުރަނީ، އެނގިހުރެ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދަޢުވާއެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ މި މައްސަލައިގެ ތަހުޤީޤުގައި ހަރަކާތްތެރިވި 5 ފުލުހެކެވެ. އެގޮތުން މިއަދު ހެކިބަސް ނަގާފައިވާ މީހުންގެ ތެރެއިން އެ މައްސަލަ ބެލުމަށް އައްޑޫ އަށް ދިޔަ މޯލްޑިވްސް ޕޮލިސް ސާވިސް ގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ފުލުހަކާއި، އެ މައްސަލައިގެ ސޯކޯ ރިޕޯޓު (ކުށުގެ ވެށީގެ ރިޕޯޓު) ތައްޔާރު ކުރި ދެ ފުލުސް އޮފިސަރަކާއި، އަދި އެންމެ ފުރަތަމަ އެ މައްސަލައިގެ ސީން އަށް އެޓެންޑްވި ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގެ ދެ ފުލުސް އޮފިސަރެއްގެ ހެކި ބަސް ވަނީ މިއަދު ނަގާފައެވެ.
އެގޮތުން ފުރަތަމަ ހެކިބަސް ދިން، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ފުލުސް މީހާ ބުނެފައި ވަނީ އެ މައްސަލައިގެ ދަޢުވާ ލިބޭ މުހައްމަދު ޝިފާޒުގެ ގެއަށް މައްސަލައިގެ ހެކި ހޯދުމުގެ ގޮތުން ފުލުހުންގެ ޓީމެއް ގޮސް އެގޭގެ ގޯތިތެރެއާއި، މުހައްމަދު ޝިފާޒު ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި ކަމަށާއި، އަދި އެގޭ ގޯތިތެރޭގެ ވާއަތް ފަރާތުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ތަކެއް ހޯދުނު ކަމަށެވެ.
ހަމައެހެންމެ، އެ ފައިސާތައް ހޯދާ، އަދި ގުނާފައިވަނީ ދަޢުވާ ލިބޭ ފަރާތުގެ ހާޟިރުގައި ކަމަށާއި، އަދި އެ ފައިސާ އަކީ އަލީ އަބްދުﷲ މަރާލުމުގެ ކަންތަކުގެ ތެރެއިން އެ މައްސަލައިގެ ދަޢުވާ ލިބޭ އެހެން މީހެއް ކަމަށްވާ އަހުމަދު އިބްރާހީމް ދީދީ، މުހައްމަދު ޝިފާޒު އަތަށް ދިން ފައިސާ ތަކެއް ކަން ތަހުގީގުގައި އެނގިފައިވާ ކަމަށް، މިއަދުގެ އަޑުއެހުމުގައި ފުލުސް އޮފިސަރު ވަނީ ކިޔައިދީފައެވެ.
މިކަމާއި ގުޅިގެން، ދަޢުވާ ލިބޭ ފަރާތުގެ ވަކީލް ވަނީ އެ ފައިސާ އާއި މުހައްމަދު ޝިފާޒުގެ އިނގިލީގެ ނިޝާން ނުވަތަ ޑީއެންއޭ ސާމްޕަލް ދިމާވިތޯ ހެކިވެރިޔާ އާއި ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ، ފިންގަރޕްރިންޓް އަދި ޑީއެންއޭ ދިމާވިކަން ސީދާ އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި ފުލުހުންގެ ތަހުޤީޤުގައި އެ ހުރިހާ މައުލޫމާތުތައް ދީފައި ހުންނާނެ ކަމަށެވެ.
ސޯކޯ ރިޕޯޓު ތައްޔާރު ކުރި 2 ފުލުހެއްގެ ހެކި ބަސް ޝަރީޢަތުގައި މިއަދު ނެގި އިރު އެ ރިޕޯޓަކީ މަރުގެ ހާދިސާ ހިނގި ދުވަހުގެ ފަހުން އެ ހާދިސާގެ ތަހުޤީޤަށް ލިބުނު ހެކިތަކަކަށް ބިނާ ކޮށް ހެދިފައިވާ ރިޕޯޓެއް ކަމަށާއި، މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސައިކަލެއްގެ ތަޅުދަނޑި އެއްގެ އިތުރުން ފޯނަކާއި ކަރުދާސްތަކެއް ވެސް އެ ސަރަޙައްދުން ފެނިފައިވާ ކަމަށް މިއަދު ޝަރީޢަތުގައި ހެކިބަސް ދެމުން ފުލުސް މީހާ ވަނީ ބުނެފައެވެ.
ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ އަދި އެ މައްސަލައިގެ ސީން އަށް އެޓެންޑްވި 2 ފުލުހުންގެ ތެރެއިން އެކަކު ކިޔާ ދިން ގޮތުގައި އެންމެ ފުރަތަމަ އެކަމުގެ މައުލޫމާތު ލިބިފައިވަނީ، 02 މާރޗު 2016 ވީ ދުވަހު ހެނދުނުގެ ޑިއުޓީ އަށް އެރުމުން ކަމަށާއި، ސ.ހިތަދޫ 2 ވޭވްސް ފިހާރައިގައި ކަމެއް ދިމާވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެ ފިހާރައަށް ދިޔައިރު އެ ފިހާރައިން ވައްކަން ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އޭރު އަލީ އަބްދުﷲ ގެއްލިގެން އުޅޭ ކަން އެނގިފައިވާ ކަމަށާއި، އޭރު އަލީ އަބްދުﷲ އަށް ފޯނުން ގުޅޭތޯ ބެލުމުން، ފޯނަށް ރިންގު ވާ ނަމަވެސް، ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.
ހަމައެހެންމެ، ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިތަދޫ ސްކޫލުގެ ކައިރީގައި އޮތް ޗަކަ ބިން ސަރަޙައްދުން އަލީ އަބްދުﷲ ގެ ސައިކަލް ފެނިގެން ފުލުހުން ބެލިއިރު އޭގެ 5 ފޫޓު ދުރުމިނުން އަލީ އަބްދުﷲ ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި އޭރު އަލީ އަބްދު ﷲ ގެ ހަށިގަނޑުގެ އެއްބައި އޮތީ ޗަކަ ބިން ތެރޭގައި ކަމަށާއި، އެތަނުން ހަށިގަނޑު ނަގާފައި ވަގުތުން ހޮސްޕިޓަލަށް ފޮނުވާލެވުނު ކަމަށް އޭނާ ވަނީ މިއަދު ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.
މިއަދުގެ ޝަރީޢަތުގައި ހެކިބަސްދިން އެހެން ފުލުސް މީހެއް ބުނިގޮތުގައި 02 މާރޗު 2016 ވީ ދުވަހުގެ ދަންވަރު 02:35 ހާއިރު މައްސަލައިގައި ދައުވާ ލިބޭ ފަރާތް، މުހައްމަދު ޝިފާޒު 2 ވޭވް ފިހާރައިން ނިކުތް ތަން އޭނާ ޑިއުޓީ ގައި އުޅުނު ގަޑީގައި ފެނުނު ކަމަށެވެ. ނަމަވެސް، ހެކިވެރިޔާގެ ވާހަކަތަކާއި ގުޅިގެން، ދިފާޢީ ވަކީލު ވަނީީ، އެހާ ދަންވަރު، އަނދިރި ވަގުތެއްގައި ޝިފާޒު ފެނުނު ކަން ޔަގީން ކަމާއެކު ބުނަން އެނގެނީ ކިހިނެތްތޯ ކަމާއި މެދު ސުވާލު އުފައްދާފައެވެ. ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ އެ ފިހާރަ ހުންނަ ސަރަހައްދަކީ ފުދޭ ވަރަކަށް އަލި ސަރަހައްދެއް ކަމަށާއި، ކައިރީގައި ހުންނަ ގެތަކުންނާއި އެ ފިހާރައިގެ ލައިޓުގެ ސަބަބުން މަގުން ދަތުރު ކުރާއިރު ކާކު ކަން އެނގޭ ކަމަށެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެމްބަރު ވަނަ ދުވަހުގައެވެ. ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮތީ ދަޢުލަތުގެ ފަރާތުން ދަޢުވާ ލިބޭ ފަރާތާ ދެކޮޅަށް ހެކި ހުށަހެޅުމެވެ.
ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލި ރޭގެ ދަންވަރު "ޝިފާޒް ފިހާރައިން ނުކުތްތަން ފެނުނު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ