ވެރިންނާއި ރައްޔިތުން ވެގެން އަނިޔާވެރިކަން ހުއްޓުވަން ޖެހޭ: ޝައިޚް އިލްޔާސް
ވެރިންނާއި ރައްޔިތުން ވެގެން އަނިޔާވެރިކަން ހުއްޓުވަންޖެހޭ ކަަމަށް މައްޝޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ. "އިލާހީ ކޯފާއަށް ބިރުވެތިވޭ" މިނަމުގައި މިރޭ ދެއްވި ދަރުސްގައި އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމުގެ ނަތީޖާ ގޯސްވާނެ ކަަމަށާއި އޭގެ ސަބަބުން މާތްﷲ ގެ ކޯފާއައުން އެކަށީގެންވާ ކަަމަށެވެ. "އެކަމުން [ކޯފާ] އިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ވާހަކަ ދައްކަން. ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ އެބަޖެހޭ އަނިޔާވެރިކަން ހުއްޓުވަން. އެއީ ވެރިން ވެސް އަދި ރައްޔިތުންވެސް" އިލްޔާސް ވިދާޅުވި އެވެ. އަނިޔާވެރިކަން ހުއްޓުވުމުގެ މައްޗަށް އަލިއަޅުވާލައްވައި މިރޭ ވާހަފުޅުދެއްކެވީ ވަކި މީހަކަށް ނިސްބަތްކުރައްވައި ނޫންކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ. "އަނިޔާވެރިޔާގެ އަތުގައި ހިފަހައްޓައި މަނާކުރަންޖެހޭ،" އިލްޔާސް ވިދާޅުވިއެވެ. އައްޝައިޚް އިލްޔާސް ހުސައިން މިރޭ ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ މީސްތަކުންނާ މެދު އަނިޔާވާ ފަރާތްތަކުގެ ނިމުން ވަރަށް ހިތި ކަަމަށް އިލްޔާސް ވިދާޅުވިއެވެ. ފިރުއައުނުގެ މިސާލު ދައްކަމުން އިލްޔާސް ވިދާޅުވީ ފިރުއައުނު އޭނާގެ ރައްޔިތުންނަށް އަނިޔާވެރިވި ކަމަށާއި އޭގެ ސަބަބުން އޭނާގެ ނިމުން އައީ ވަރަށް ހިތި ގޮތަކަށް ކަަމަށެެވެ. އަދި ދުނިޔެ އަށް މިސާލެއްގެ ގޮތުގައި އަދި އިބުރަތެއްގެ ގޮތުގައި މިއަދުވެސް ފިރުއައުނު މިސްރުގެ ދާރުލްއާސާރެއްގައި އެބައޮތްކަމަށް އިލްޔާސް ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުން ވެސް ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް އިލްޔާސް މިރޭ އިލްތިމާސްކުރެއްވި އެވެ. "އަޅުގަނޑު މި ގައުމުގައި އެންމެ ލޯބިވާ ބަޔަކީ ސިފައިންނާއި ފުލުހުން. އެއީ ދީނީ ގައުމީ ވާޖިބު އަދާކުރާތީ. ވީމާ އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން އެެއްވެސް ރައްޔިތަކު ވެސް އެބޭފުޅުންނަށް އަނިޔާވެރިނުވުމަށް. އެ ބޭފުޅުންވެސް އަޅުގަނޑުމެންނާއި ދޭތެރޭ އަނިޔާވެރި ނުވުމަށް،" އިލްޔާސް ވިދާޅުވިއެވެ. ޖިސްމާނީ ގޮތުން ވެސް އަދި ނަފްސާނީ ގޮތުންވެސް އަނިޔާވެރިވެގެން ނުވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އަދި އަނިޔާލިބިގެންވާ މީހާގެ ދުއާ އާއި މާތްﷲ އާ ދެމެދު އެއްވެސް ހުރަހެއް ނުވާކަން ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމްގެ ހަދީސްފުޅުން އެނގޭ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ އަނިޔާވެރިވުމަކީ މާތް ﷲ އެކަލާގެ ޒާތުފުޅަށް ވެސް ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެން މީހުންނަށް އަނިޔާވެރިވުމުގެ ސަބަބުތައް ދައްކަމުން އިލްޔާސް ވިދާޅުވީ އެކަން ކުރަނީ އެމީހެއްގެ ގައިގައި ހުރި އުނި ސިފަތައް ފޫބައްދައި އެމީހަކީ 'ގަދަ' މީހެއްކަން ދައްކަން ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އައްޝައިޚް އިލްޔާސް ހުސައިން މިރޭ ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ ޝައިޚް އިލްޔާސް މި ދަރުސް ދެއްވާފައި މިވަނީ 'އަނިޔާވެރިކަން ނިންމަން" މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ