ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑު ކިޔައި ނުހަދާނެ - ސަރުކާރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށާއި ބައެއް މެންބަރުންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑު ކިޔާ ނުހަދާނެ ކަމަށާއި ސަރުކާރުން ކޯޓުގެ ހުކުމަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިއަދާއި ހަމައަށް ތިއްބެވި ހަތަރު މެންބަރުން ޖަލަށްލުމަށް ހުކުމްކުރީ 6 މަސް ދުވަހަށް އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ސާބިތުވުމުންނެވެ. ނަމަވެސް އެޙުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހަށް ފަސްކުރަން ވެސް ސްޕްރީމް ކޯޓުގެ ޙުމުގައި ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒްގެ މެންބަރު ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމާ އެދެމެންބަރުން ވަކިވެފައިވާކަމަށް ވެސް ހުކުމްކޮށްފައިވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުން ކަންތައްތަކެއް ކުރުމަށް ލާޒިމްކޮށްފައިވާއިރު އެހުރިހާ ކަމެއް ކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
"ސަރުކާރުން އެ ހުކުމަށް ފާޑު ކިޔާ އެފަދަ އެއްވެސް ކަމެއް ނުކުރާނެ. މިހާރު މި އޮތް ނިޒާމުގައި ސަރުކާރުގެ ދައުރަކީ އެފަދަ ހުކުމެއްގެ ސަބަބުން ސަރުކާރުން ކުރަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ އެ މަސްއޫލިއްޔަތެއް ސަރުކާރުން އަދާ ކުރަމުން ގެންދިޔުން." މުއާ ވިދާޅުވި އެވެ.
އަދި ޝަރުއީ ކޯޓުތަކަކީ މިނިވަން ތަންތަނަށްވާއިރު އެތަންތަނުން ކުރާ ހުކުމްތަކަށް ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މި ސަރުކާރުން ހުކުމްތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުކުމުގައި ކޮމިޝަންގެ ދެ މެންބަރެއްގެ މެންބަރުކަން ގެއްލުނު ކަމަށް ކަނޑައަޅާފައި ވާތީ ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތިން އެ ކޮމިޝަނަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަން ވީ އެންމެ އަވަހަކަށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ރައީސް ކުރައްވާނެ ކަމަށް ވެސް މުއާ ވިދާޅުވި އެވެ.
އަދި މީގެކުރިން ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވުމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވުމަށް ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށާއި ނަމަވެސް އެ ނަންފުޅާއި މެދު ވަކި ގޮތަކަށް ނިމިފައިނުވާ ކަމަށެވެ.
ސަރުކާރުން ފޮނުވާ ނަންފުޅުތައް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ފާސްކުރެވޭނެތޯ ސުވާލުކުރުމުން މުއާ ވިދާޅުވީ ނަންފުޅުތައް ފާސްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ