ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ 13 ކަމެއް ފާހަގަކުރައްވާ އެކަން މިހާރުން މިހާރަށް ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން ގާނޫނު އަސާސީގެ ދިފާއުގައި މިހާރު ކުރިއަށްގެންދާ ބޮޑު އެއްވުމުގައި ފޯން މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގެންނެވި ކަންކަމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއް ކަމަށާއި އެކަން ނުކޮށް ސަރުކާރުން ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ގާސިމް އިބްރާހިމް މިވަގުތު ހުންނެވީ އަވަށްޓެރި ސްރީލަންކާގަ އެވެ. އެމަނިކުފާނު ލަންކާއަށް ވަޑައިގެންނެވީ މިސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަންކަން ބޭރުގެ ގައުމުތަކާއި ހިއްސާކުރެއްވުމަށެވެ. މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ރައިސް މައިތިރިޕަލާ ސިރިސޭނާއާ ގާސިމް ބައްދަލުކުރައްވާނެ އެވެ.
ގާސިމް އިބްރާހިމް ޑިމާންޑް ކުރެއްވި 13 ކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރުމަށް މަސައްކަތް ނުކުރުމަށާއި، ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އަބުރާ ގެެންދިއުމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ސިޔާސީ އެހެން ބޭފުންގެ މައްޗަށް ކުރާ ދައުވާތައް އަބުރާ ގެންދިއުމާއި، އޮޑިޓް ގާނޫނަށް އިސްލާހު ގެނެސްގެން އޮޑިޓަ ޖެނަރަލް ވަކިކުރެއްވި މައްސަލަ އަބުރާ ގެނައުމާއި، މަސްވެރިންނާ ދަނޑުވެރިންނަށް ދޭން ވައުދުވި ފައިސާ ދިނުމާއި ދެވެންނެތްނަަމަ އެކަން ރައްޔިތުންނަށް އަންގައިދިނުމާއި، ކަރަންޓް ސަބްސިޑީ އިންސާފުވެރި އަދި އެންމެންނަށް ހަމަހަމަ އުސޫލަކުން ދިނުމާއި، ތެލުން މިސަރުކާރުން ޑިއުޓީ ނަގަން ފެށުމާއި ގުޅިގެން ތެލުން ޑިއުޓީ ކަނޑާލުން ހިމެނެ އެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނޫގައި ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމާއި، ހުސްނުވާ އާސަންދަ ރައްޔިތުންނަށް ދޭން ވައުދުވި ގޮތަށް އެކަން ހަމަޖައްސައިދިނުމާއި، ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ބަލައި ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގުމާއި، ޓީޗަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާއި، މިނިވަން މުއައްސަސާތަކަށް ހަގީގީ ބާރު ދިނުމާއި އަދި އިދިކޮޅު ފަރާތްތަކާއި އެއް މޭޒަކަށް އައިސް މަޝްވަރާކުރުަމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
13 ކަމެއް ކުރުމަށް ސަރުކާރަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ