"ރައީސް ޔާމީން ކެންޕޭން 2018" އަށް ކެންޕޭނު މެނޭޖަރުން ތައްޔާރުކުރުމަށް ދެވަނަ މަހާސިންތާ ފަށައިފި

"ރައީސް ޔާމީން ކެންޕޭން 2018" އަށް ކެންޕޭނު މެނޭޖަރުން ތައްޔާރުކުރުމަށް ދެވަނަ މަހާސިންތާ ފަށައިފިއެވެ. މިމަހާސިންތާގައި ބައިވެރިވަނީ ފ އަތޮޅުން ފެށިގެން އައްޑުއަތޮޅަށް ހިމެނޭ ރަށްތަކުގެ މަންދޫބުންނެެވެ.
މިކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ ޕީޕީއެމްގެ ނައިބް ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަން ޕީޕީއެމްއަށް ލިބިފައިވަނީ އެކަމަށްޓަކައި ގަދައަޅައި ޕާޓީން ކުރި މަސައްކަތުން ކަމަށާއި ހަމަ އެމަސައްކަތް ވެރިކަން ދަމަހައްޓަން ވެސް ކުރަންޖެހޭނެ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޑީއާރުޕީން ވަކިވެ ޕީޕީއެމް އުފެއްދުމުގެ ޚިޔާލުކުރެވުމުން ގިނަ ބައަކު އެކަން ދުށީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ކަމަށެވެ. ޕާޓީ އެއް އުފައްދާނެ ފައިސާ ވެސް ނުލިބޭނެ ކަމަށާއި ޕާޓީއަށް ވަންނާނީވެސް ގިނަވެގެން 10،000 ވަރަކަށް މީހުން ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އެފަދަ ވިސްނުންފުޅުތައް ބައެއް ބޭފުޅުން ހާމަކުރެއްވި ނަމަވެސް އެކި ގޮތްގޮތުން ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާއަކަށް މިހާރު ވެފައިވަނީ ޕީޕީއެމްއަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުން ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އެ މަސައްކަތަކުން ޤައުމަށް ފައިދާ ކުރާނެ ކޮންމެ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށާއި 2018 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ވާނީ ޤައުމީ މަސައްކަތްތައް ކަމަށެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ނައިބް ރައީސް އަހްމަދު އަދީބްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ