ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުދިނުމުގެ ބިލް މަޖިލީހުން ބަލައިގެންފި

ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް މަޖިލީހުން ބަލައިގަނެ ނާއިބް ރައީސަށް އިނާޔަތް ދިނުމުގެ ބިލް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް މަޖިލީހުން ބަލައި ގަތުމަށް ފާސް ކުރެއްވީ 79 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. ނާއިބްރައީސްކަމާއި އުއްތަމަފަނޑިޔާރުކަން ކޮށްފައިވާ ފަރާތަކަށް އިނާޔަތްތަކާއި ރައްކާތެރިކަން ކަނޑައަޅާ ދެބިލް މަޖިލީހުން ބަލައިނުގަތުމަށް ވަނީ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. އެހެން ކަމުން އެދެބިލް ވަނީ ބާތިލް ވެފައެވެ.
ޤާނޫނު އަސާސިގައި ތަހްޤީޤީ އިދާރާތަކަށް ދީފައިވާ ބާރު ބިލްގައި ރިޔާސީ ކޮމިޝަނަށް ލިބޭގޮތަށް އޮތުމުން ބިލްގެ ބަހުސްގައި ބައެއް މިނިވަން މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރ އަހްމަދު އުސާމު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ޖިނާއީ ތަޙްޤީޤެއް ނުހިންގޭނެކަމުގައެވެ. ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ކޮމިޝަންތައް އުފެއްދެވި ނަމަވެސް އެފަދަ ކޮމިޝަންތަކަށް ހިންގޭނީ އެނކުއެރީޒްތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އެންކްއެރީޒްތަކަށް ރިއާޔަތްކޮށް ތަޙްޤީޤް ހިނަގޭނީ ޤާނޫނު އަސާސީން ތަޙްޤީޤްކުރުމުގެ ބާރު ދީފައިވާ ތަންތަނަށް ކަމަށް އުސާމު ވިދާޅުވިއެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެކަންކަމަށް ރިޢާޔަތްކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލަކީ ކޮރަޕްޝަން މައްސަލަތަކާއި ގޮތްނޭނގޭ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މިބިލް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ހުޞައިންނެވެ.
ނާއިބްރައީސް ކަމާއި އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ ދެބިލަކީ، ތަސްދީޤް ނުކުރައްވައި އަލުން ވިސްނާވަޑައިގެން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިޔާ މަޖިލީހަށް ފޮނުއްވި ދެބިލެވެ. އެމްޑީޕީގެ މެމްބަރުން ވަނީ މިދެބިލާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިއީ ކުރީގެ މަޖިލީހުން ފާސްކުރި ދެބިލެވެ.
ނާއިބްރައީސްކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ ބިލަށް ބައެއް އިދިކޮޅު މެމްބަރުން ތާއީދުކުރެއްވިއެވެ. އެބިލަށް ތާއިދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުވެރިވެ ވަޑައިގެންނަވާ ކޮންމެ ޙާލަތެއްގައި އެމަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ ނާއިބް ރައީސްއެވެ. އެހެންކަމުން ނާއިބްރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި މާލީ އިނާޔަތް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމުގައެވެ. ނާއިބްރައީސްކަން ކުރައްވައިފައިވާ ފަރާތްތައް މަގުމަތިކޮށްނުލާ ޢަބުރުވެރިކަމާއެކު އުޅެވޭވަރުގެ މާލީ އިނާޔާތާއި ރައްކާތެރިކަން ލިބެން ޖެހޭނެކަމަށް އެކަމަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮޑިޓްކޮށް ސަރުކާރުން ހުށަހެޅި ރިޕޯޓަށް ވެސް މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނެވެ. މިބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވާނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށްކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ