ފަނޑިޔާރެއްގެ ނިންމުމަކާ ގުޅިގެން ސުލޫކީ ފިޔަވަޅެއް ނޭޅޭނެ: ސުޕްރީމް ކޯޓު

ފަނޑިޔާރަކު ނިންމާ ނިންމުމަމާ ގުޅުވައިގެން ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމުމުން، އެއަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ގާނޫނުއަސާސީއާ ހިލާފް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އަދި ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނިންމުމެއް ނިންމުމަށްފަހު، އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ޖައުހަރީ ސަބަބުތަކެއް ކުރިމަތިވާ ހާލަތުގައި، އެފަދަ ކޮންމެ ނިންމުމެއް މުރާޖައާކޮށް އިންސާފު ގާއިމުކުރެވޭ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ އަބަދުވެސް އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތް ތަމްސީލުކުރާ ދައުލަތުގެ އެންމެ މަތީ ކޯޓަށް ލިބިގެންވާ ޝަރުއީ އަދި ގާނޫނީ ބާރެއް ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމަށް ނުވަތަ ބާތިލްކުރުމަށް ނުވަތަ އެ ނިންމުމަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުންތަކާ ތަފާތުކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއް ނެތް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އަމުރުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި އާލަމީ އުސޫލުތަކާއި އިސްލާމީ ޝަރީއަތުގައި އަދުލުއިންސާފު ގާއިމުކުރުން ކަށަވަރުކޮށްދިނުމުގެ ދަލީލުތަކާއި އުސޫލުތަކަށް ބެލުމުން ރާއްޖޭގެ އެއްވެސް މަރުހަލާއެއްގައި މައުލޫއީ ގޮތުން ނުވަތަ އިޖުރާއީ ގޮތުން ވިޔަސް، މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސް ކަމަށް ބުނެ އެއްވެސް ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫން ކަމަށް އަމުރުގައިވެ އެވެ.
މި އަމުރު ނެރުމުގެ އިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ ރިޕޯޓު މަޖިލިހުން ފާސްކޮށްފަ އެވެ. އަދި އެ ނިންމުމަށް އިސްލާހެއް ގެނެސް ޑީޑީގެ މައްސަލާގައި އަމުރާ ހިލާފު ހުރިހާ ކަމެއް ބާތިވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމުރެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ގާނޫނުއަސާސީން މަޖިލިހަށް މަތިކޮށްފައިވާ ބާރަށާއި މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ކޯޓަށް އިލްތިމާސްކުރާ ކަމަށް އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ