އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ފައިދާއަށް: ގާސިމް

ސިޔާސީ ގޮންޖެހުންތަކާއި އެކިއެކި ގޮތްގޮތުން ލިބެމުންދިޔަ އަނިޔާތަކާ އެކުވެސް މަސައްކަތްކުރައްވަނީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ފައިދާއާއި މަންފާއަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފޮރިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫން ރިފޯމް މޫވްމަންޓުގެ މެމްބަރެއްގެ ގޮތުގައި އުޅުއްވި އަހުމަދު އަނޫޝް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހަސަބަކާއި ނަސަބަކަށް ނުބަލައި އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެމީހަކަށް ކުރިއަށްދިއުމުގެ ގާބިލްކަން ތަނަވަސްކޮށްދޭ ޕާޓީއެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަކު ނެރުމަށް ދިމާވި ދަތި އުނދަގޫ ހާލަތުގައި އެކަމުގައި ކުރެއްވި މަސައްކަތްޕުޅަކީވެސް ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އަދި އޭރުގެ ހާލަތު އޮތް ގޮތުން ރާއްޖޭގައި ހުންނެވެން ނެތި، އެމަނިކުފާނުގެ ސިޔާސީ ހަޔާތަށާއި ދިވެހީންގެ ދުޅަހެޔޮ ދިރިއުޅުމަށްޓަކައި ކުރައްވަމުން ގެންދެވި ވިޔަފާރި މަސައްކަތަށް ދިން ގެއްލުންތަކަށް ނުބައްލަވައި ދެންވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައިދެއްވުމަށް ކަމަށެވެ.
އެހެންކަމުން މިއަދުގެ ރައީސުލްޖުމްހޫރީއްޔާއަށް ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވުމުގައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ފަހަތަށްޖެހިވަޑައިނުގެން ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަނޫޝް ވިދާޅުވީ ދިވެހީންގެ ދިވެހިވަންތަކަމާއި ދިވެހީންގެ ރިވެތި އުސޫލުތައް ދަމަހައްޓަވައި ދިވެހީން ކުރިއެރުވުމަށް ގާސިމް މަސައްކަތް ކުރައްވަމުން ވަޑައިގަތް ގޮތް ޅައުމުރުން ފެށިގެން ދެކެވަޑައިގެންފައިވާ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ކުރިމަގަށްޓަކައި ގާބިލްކަން ހުރި މިންވަރަކުން މަސައްކަތްކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަނޫޝް ވިދާޅުވިއެވެ.
އަނޫޝް ޖޭޕީއަށް ސޮއިކުރެއްވިއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭނަ ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިގެން އެމްއާރުއެމްގައި މަސައްކަތް ކުރައްވާފައެވެ.
އަނޫޝް އަކީ ދިވެހިބަހާއި އިނގިރޭސިބަހުން ތަފާތު އެކި ޕްރޮގްރާމްތައް އުފައްދައި ހުށަހެޅުމުގައި ކުޅަދާނަ ޒުވާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ