އޮތީ އަމިއްލަ މެނިފެސްޓޯއެއް ނޫން، ސަރުކާރުގެ މެނިފެސްޓޯ – މެމްބަރު އަމީތު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރާ ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓު އަދި މިހާރުގެވެސް މެމްބަރު މުހައްމަދު އަމީތުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. ކެމްޕެއިން އިފްތިތާޙް ކުރީ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ރޭ މީދޫގައި ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައެވެ.
 
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަމީތު ވިދާޅުވީ، އެމަނިކުފާނުގެ އޮތީ އަމިއްލަ މެނިފެސްޓޯއެއް ނޫންކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯއަކީ ސަރުކާރުގެ މެނިފެސްޓީކަމަށާއި ރަށްތައް ތަރައްޤީ ކުރެވޭނީ ސަރުކާރާއި ގުޅިގެންކަމަށެވެ. މީގެ އިތުރުން ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ދާއިރާގެ ދެ ރަށުގައިވެސް ގިނަ ގުނަ އަސާސީ ޙިދުމަތްތަކެއް ޤާއިމްކުރެވިފައިވާކަމަށް އަމީތު ވިދާޅުވިއެވެ.
 
ރޭގެ ޖަލްސާގައި ވާކަފުޅުދައްކަވަމުން މެމްބަރު އަމީތުވަނީ އެމަނިކުފާނު ޕާޓީ ބަދަލުކުރިކަމަށް ދެކެވޭ ވާހަކައަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން އަމީތު ވިދާޅުވީ، އެމަނިކުފާނު ޕާޓީ ބަދަލުނުކުރާކަމަށާއި އޭރުގެ ރައީސް ޔާމީންގެ ބައެއް ކަންކަމާއި ދެކޮޅުވުމުން ޕާޓީން ވަކިކުރީކަމަށެވެ. ހަމައެއާއިއެކު މިފަހަރު އަމީތުގެ ކެމްޕެއިންގައިވެސް ހުރިހާ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅުން ހަރަކާތްތެރިވަމުން އަންނަކަން އަމީތު ފާހަގަކުރެއްވިއެވެ.
 
ހަމައެއާއިއެކު ނުފެށި ލަސްވެފައިވާ މަޑުއްވަރީގެ ބަނދަރު ހެދުމަށް އިޢުލާންކުރި ނަމަވެސް އެ މަޝްރޫޢުކުރިއަށް ނުގެންދެވުނީ ސަރުކާރުން ދުރަށްލުމުންކަމަށް އަމީތު ވިދާޅުވިއެވެ. މަޑުއްވަރީގެ ދެކުނު ފަރާތުގައި އާ ބަނދަރެއް ހެދުމަށް ނިންމާފައިވާކަން ސަރުކާރުންވަނީ މިހާރު އިޢުލާންކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި މަޑުއްވަރީގެ ބަނދަރު ހެދުމަށް ފައިސާ ހިމަނާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
 
ރޭގެ ޖަލްސާގައިވެސް އަމީތުވަނީ ދާއިރާގެ ރައްޔިތުން ތަރައްޤީއަށް ފުރަގަސް ނުދިނުމަށް އެދިލައްވާފައެވެ. އަދި ވިސްނަވާފައި ވޯޓުލުމަށްވެސް އަމީތު އެދިލެއްވިއެވެ.
 
ރޭގެ ޖަލްސާގައި މެމްބަރު އަމީތަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ