މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމަށް އަބްދުﷲ ޔާމީން

ޕީޕީއެމް އަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމުގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގެ މެމްބަރުން ތަމްސިލު ކުރާ ގޮތަށް އައިސްފައިވާ ބަދަލުތައް ވެސް އިއުލާން ކުރައްވާފައެވެ.
މަޖިލީހުގައި މިހާރު ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 32 މެމްބަރުން ކަމަށާއި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ 17 މެމްބަރުންކަމަށާއި ޑީއާރްޕީއަށް ނިސްބަތްވެވަޑައިގަންނަވާ 15 މެމްބަރުންކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ތިން މެމްބަރުން ކަމަށާއި ޕީއޭގެ ދެ މެމްބަރުން ކަމަށާއި ގައުމީ ޕާޓީ ތަމްސީލް ކުރައްވާ އެއް މެމްބަރު ކަމަށާއި އަދި މިނިވަން ހަތް މެމްބަރުންކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އިއުލާން ކުރެއްވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން ޕާޓީތައް ތަމްސީލްކުރާ ހައިސިއްޔަތު ބަދަލުވެފައިވާތީ މަޖިލީހުގެ ކޮމެޓީ ތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށާއި އެކަންތައްތައް މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މަޖިލީހަށް މިހާބޮޑު ބަދަލެއްއައީ ކުރިން ޑީއާރްޕީގައި ހިމެނި ވަޑައިގެންނެވި ގިނަ މެމްބަރުންތަކެއް ވަކިވެ ޕީޕީއެމް އުފެއްދުމާއި ގުޅިގެން، އެ މެމްބަރުންނަށް މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރާނެ ފުރުސަތު ނުލިބި އޮތުމައްފަހު، މިލިބުނީ އެންމެ ފަހުން ބޭއްވުނު ބައި އިލެކްޝަނުގައި ތިމަރަފުށި ގޮނޑިއަށް ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އަހުމަދު ޝަރީފު ވާދަކޮށް އަދި އެގޮނޑި ޝަރީފު ކާމިޔާބު ކުރުމާގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ